ޓެލެތޯނުން ލިބުނު ފައިސާ އަންރުވާއަށް ދިންކަމުގެ ހެކި ސަރުކާރުން ހާމަކޮށްފި

"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް ފޮނުވިކަމުގެ ހެކި ސަރުކާރުން ހާމަ...

27 Oct 2024 | 19:08

"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް ފޮނުވިކަމުގެ ހެކި ސަރުކާރުން ހާމަކޮށްފިއެވެ.

އެގޮތުން ފޮރިން މިނިސްޓްރީއިން، އެކަމާގުޅޭ ޓްރާންސެކްޝަންތަކުގެ ފައިލްތަކާއެކު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ފައިސާ 20 އޮގަސްޓް 2024 ގައި ވާނީ ފޮނުވާފައި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން, ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ޓެލެތޯނު ޕަބްލިކް ސާރވިސް މީޑިއާއިން ބާއްވާފައިވަނީ 12 ޖޫން 2024 ގައެވެ. އެ ޓެލެތޯނުން ލިބުނު ފައިސާގެ ޖުމްލަ އަދަދަކީ $1,248,826.56 (އެއް މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް އަށް ސަތޭކަ ސައްވީސް ޑޮލަރާއި ފަންސާސް ހަ ސެންޓް)، މި އަދަދު ވަނީ އޮޑިޓް ފާމްއެއް ކަމުގައިވާ ކްރޯވ މޯލްޑިވްސް އެލް.އެލް.ޕީ. އިން ކޮންފަރމްކޮށްފައި" ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ މިފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާޢީދާއި, އަބަދުވެސް,  އަދި ވަކީން ޚާއްސަކޮށް މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި, އެ ޤައުމާއި އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަޤްވާމީ ޤާނޫނާއި އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އާ ޚިލާފަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށިބަހުން ކުށްވެރިކުރާކަމަށެވެ. އަދި ދިވެހި ސަރުކާރުން މިހާރު ދަނީ ދިވެހި ރައްޔިތުން ހަދިޔާ ކުރި ފައިސާ ޚަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އަންރުވާއާއެކު މަޝްވަރާކުރަމުން އަންނަކަމުގައިވެސް ބުނެފައިވެއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުން އަންރުވާއަށް ފައިސާ ޖަމާކުރިކަމުގެ 'ޑެބިޓު އެޑްވައިޒު' ގެ ކޮޕީއާއި "އަންރުވާ ފޯރ ޕަލަސްތީން" އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ ޖޭ.ޕީ.މޯގަން ބޭންކުން އިޝޫ ކޮށްފައިވާ ޓްރާންސެކްޝަން ތަފްޞީލް މި ބަޔާނާއެކު ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް