މާލެ ހުޅުމާލެ ހައިވޭގައި ސުރެންސުރެން ފަތުރާލާފައިވާ ސޯލާ ޕެނަލްތައް އެ ސަރަހައްދުން ނަގައި ރާއްޖޭގެ ރަށެއް އިއާދަކުރަނިވި ހަތަކައަށް ބަދަލުކޮށްލަން ގަސްތުކުރައްވާކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
ޑރ. މުއިއްޒު މިކަން ފާހަގަކުރެއްވީ މިއަދު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ މާލެއިން ހުޅުމާލެއަށް އަންނައިރުގަ ހައިވޭ މިހާރު ފެންނަނީ ވަރަށް ހާސްކަން ބޮޑު ތަނެއްގެ ގޮތުގައި ކަމަށެވެ.
"މުޅި މި ސަރަހައްދުގަވެސް އެންމެ ރީތި އެންމެ ރަނގަޅަށް މޫދު ފެންނަ ވިއު އެންމެ ރަނގަޅަށް އޮތް މަންޒަރު މިވަނީ ބަދަލުވެފަ، އަރިމަތީގަ ޖަހާފަ ހުންނަ ސޯލާ ޕެނަލް ޕްރޮޖެކްޓެއްގެ ސަބަބުން، އިއާދަކުރަނިވި ހަކަތައަކީ މުހިންމު ކަމެއް، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގަވެސްވަރަށް މުހިންމު ކަމެއް ދޭނެ ކަމެއް، ކްލައިމެޓް ޗޭންޖަކީ އެންވަޔަރަންމަންޓް ހިދުމަތް ކުރުމަކީ މުހިންމު ސިޔާސަތެއް، އެހެން ނަމަވެސް ކޮންމެ ކުރުމަށްވެސް އެންމެ ރަނގަޅު ގޮތް އޮންނަ ފަދައިން އެކަން ކުރުމުގަވެސް ރަނގަޅުގޮތް އޮންނާނެ" މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ އެ ސޯލާ ޕެނަލްތައް އެ ސަރަހައްދުން ނަގައި ރާއްޖޭގެ ކުޑަ އަދި މެދު ސައިޒެއްގެ އެއް ރަށް ނޫނީ ދެ ރަށަކަށް އެ ސޯލާ ޕެނަލްތަކުން އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ވިސްނުން ގެންގުޅުއްވާކަމަށާއި ޕްރޮޖެކްޓަށް ފަންޑުކުރި ފަރާތާ މަޝްވަރާކޮށްގެން އެކަން އެމަގުން ކުރިއަށްގެންދަވާނެ ކަމަށެވެ.
ހައިވޭ ސޯލާ ޕެނަލް ޕްރޮޖެކްޓަކީ އެންވަޔަރަންމަންޓް މިނިސްޓްރީނން ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއިން އަހަރަކު ގާތްގަނޑަކަށް 9.1 މިލިޔަން ސޯލާ ޔުނިޓު އުފެއްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ އަދަދަކީ ގާތްގަނޑަކަށް ދެ މިލިޔަން ލީޓަރުގެ ޑީސަލުން އުފެއްދޭހާ ކަރަންޓު ކަމުގައިވާއިރު ތެލަށް ކުރާ ހަރަދުން އަހަރަކު 20 މިލިޔަން ރުފިޔާ ސަލާމަތްވާނެ ކަމުގައިވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް