ޤުރުއާނުގެ ކޮޕީތައް އަންދާލި އިރާގުގެ ރައްޔިތެއް ކަމަށްވާ ސަލްވާން މޮމިކާ ސްވިޑެންއިން އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.
މައިގްރޭޝަން އޮފީހުގެ ތަރުޖަމާނު ޖެސްޕާ ޓެންގްރޯތު ބްރޯޑްކާސްޓަރު ޓީވީ4 އަށް ވިދާޅުވީ މޮމިކާ ދިރިއުޅޭ ގެއާއި ވޯކިން ޕާމިޓްގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.
އަދި އޭނާގެ ހުއްދަ އާ ނުކުރާނެ ކަމަށާއި އޭނާ ޑީޕޯޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ނިންމުން ބިނާވެފައި ވަނީ ހުއްދައަށް އެދި ހުށަހެޅި އެޕްލިކޭޝަންތަކުގައި އޭނާ ދޮގު ވާހަކަތަކެއް ދައްކާފައިވާތީ،" މޮމިކާއަށް އެތެރެވުން ވެސް ފަސް އަހަރު ދުވަހަށް މަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޮމިކާ އެނިންމުމާ ދެކޮޅު ހަދައި އެ މައްސަލަ މައިގްރޭޝަން ކޯޓަށް ގެންދާނެ އެވެ.
ސްވިޑެންގައި ހުންނަ ތުރުކީ އެމްބަސީގެ ބޭރުގައި މޮމިކާ ވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގުރުއާނުގެ ކޮޕީއެއް އަންދާލައިފަ އެވެ.
އޭގެ ހަފުތާއެއް ފަހުން އޭނާގެ ނަން ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ފާހަގަކުރާ އިސްލާމީ ދީނީ ބޮޑު މުނާސަބަތެއް ކަމަށްވާ އަޟްހާ އީދުގައި ސްޓޮކްހޯމްގެ މިސްކިތެއްގެ ބޭރުގައި މުސްލިމުންގެ އެންމެމާތް ފޮތް އަންދާލުމުންނެވެ.
ޑެންމާކާއި ނެދަލޭންޑްސްގެ އިތުރުން ސްވިޑެންއަށް ވެސް ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށުން އާންމުކޮށް ގުރުއާނަށް ފުރައްސާރަ ކުރުމުގެ ހުއްދަ ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް