ހއ ގައި މިރޭ ހިނގި ކަނޑުމަތީ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެއެވެ.
ހއ. އިހަވަންދޫ ކައުންސިލް މެންބަރު އަހްމަދު ރިލްވާން ދުވަހަށް އެކަން ކަށަވަރުކޮށްދިނެވެ.
މި އެކްސިޑެންޓަކީ ހއ. އިހަވަންދޫ ކައިރީގައި އޮންނަ ހުވަންދޫ ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށް ފުލުހުން ބުނެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކަށް އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށާއި އެތަނުން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ. ދުވަހަށް އެނގިފައިވާގޮތުގައި ނިޔާވީ ހާލު ސީރިއަސް މީހާއެވެ.
ރަށު ކައުންސިލަރު ރިލްވާން ވިދާޅުވީ އަނެއް ދެމީހުންނަށް ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ރިލްވާން އިތުރަށް ވިދާޅުވީ ދޯނީގައި ތިބީ ދެމީހަކު ކަމަށާއި އެއީ ނިޔާވި މީހާގެ އިތުރުން އިތުރު މީހަކު ކަމަށެވެ. އަދި ނެއްލައިދުއަށް ނިސްބަތްވާ ލޯންޗުގައި އަށް މީހަކު ތިބި ކަމަށްވެސް ރިލްވާން މައުލޫމާތުދެއްވިއެވެ. އަދި ނިޔާވި މީހާ ފެނުނީ ހާދިސާއަށްފަހު ހޯދަމުންދަނިކޮށް އެކަމުގައި ހަރަކާތްތެރިވި އިހަވަންދޫ ލޯންޗަކަށް ކަމުގައިވެސް ރިލްވާން ވިދާޅުވިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ހއ. އިހަވަންދޫ ނަޔާޑޭޒީގޭ އުމުރުން 68 އަހަރުގެ އަބްދުއްރަޝީދު މުހައްމަދެވެ. އޭނާއަކީ އެކްސިޑެންޓްވި ދޯނި ދުއްވަން އިން މީހާކަމާއި އަދި އެކްސިޑެންޓް ހިނގި ވަގުތު ކަނޑުމައްޗަށް އޭނާ ގެއްލި ހޯދަމުންދަނިކޮށް ފެނުނީ އެކްސިޑެންޓްވި ސަރަހައްދާއި ތަންކޮޅެއް ދުރުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް