ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ޔޮޓެއްގައި އަލިފާން ރޯވެ އެ ޔޮޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ޔޮޓަކީ ރިޒްކާލްޓަން ފަރި ރިސޯޓް ކައިރީގައި އޮތް "މެޖެސްޓީ 62" ނަމަކަށް ކިޔާ ޔޮޓެކެވެ.
"މި ހާދިސާގެ މަޢުލޫމާތު މިއަދު 07:37 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު މާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓްގައި އެ ސަރަހައްދަށްގޮސްފައެވެ. އެ ޔޮޓްގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން 09:48 ހާއިރު، އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވެއެވެ. އަދި، އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ މިއަދު 10:14 ހާއިރުއެވެ." އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި ނަމަވެސް އެ ޔޮޓްގެ ބޮޑުބައި ވަނީ އަނދާފައި ކަމުގައި އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ޔޮޓުގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން ވަނީ ރިޒްކާލްޓަން ފަރި ރިސޯޓްގެ އެހެން ލޯންޗެއްގެ އެހީގައި ޔޮޓުން ފައިބާފައެވެ.
އަލިފާނުގެ ހާދިސާ ހިނގި އިރު އޭގައި ތިބި ފަތުރުވެރިންގެ އަދަދު ސާފުވެފައެއް ނުވެއެވެ. އެހެން ނަމަވެސް އޭރު އޭގައި ތިބި ފަޅުވެރިންގެ އަދަދަކީ ހަތަރެއް ކަމާއި އެއީ ދެ ދިވެއްސަކާއި ފިލިޕީންސަށް ނިސްބަތްވާ ދެމީހަކުކަން އެނގިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް