ދެވަރަދޫވެފައިވާ ދޫންޏެއްހެން ޤައުމުގެ ހައިބަތާއި އިއްޒަތާއި ޝަރަފުވެގެން ދާކަށް ދޫދެވޭކަށް ނެތް ކަމަށް ގައުމީ ދިފާއީ ބާރުގެ ކުރީގެ ތަރުޖަމާން މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ފޭސްބުކް ޕޭޖުގައި ލިޔުއްވަމުން ގެންދަވާ "ވަތަން" ކޮލަމްގަ އެވެ.
އެ ކޮލަމް ގައި، ގައުމުގެ ހާލަތާއި ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުވައިލައްވާ އެކި މައުޟޫއުތަކަށް އާޒިމް ގެންދަވަނީ އޭނާގެ ޝުޢޫރުތައް ފާޅުކުރައްވަމުން ނެވެ.
އެގޮތުން އެންމެފަހުން ފަހުން ފާޅުކުރައްވާފައިވާ ޝުއޫރުގައި ވިދާޅުވީ ޤައުމާމެދު ބަހެއްބުނުމަކީ ނުވަތަ ޚިޔާލުފާޅު ކުރުމަކީ ދޮގާއި ސިޔާސީ މަންފާއެއް ހޯދުމަށް، ސަރުކާރާއި ދެކޮޅުވުންކަމުގައި ދެކި ޖަލުގެ ކުޑަކޮޅީގެ ބިރުދެއްކުމަކީ ވަރަށްބޮޑު ކުށްހީއެއް ކަމަށެވެ. އަދި ވެރިންގެ ތަރިކަމުދަލަށް ޤައުމާއި ރައްޔިތުން ހަދައިގެން ގެންގުޅުނު އަޅުވެތިކުރި، ހިތިދުވަސްތައް މާޒިވެ ހިނގައްޖެ ކަމަށާއި މިޤައުމުގެ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް މިނިވަންކަމާއިއެކު ބަސްބުނުމުގެ ޙައްޤު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ބޭނުން ސިޔާސީ ފިކުރެެއްގެންގުޅުމުގެ މިނިވަންކަން ވެސް ރައްޔިތުންނަށް އެބައޮތްކަމަަށާއި ވަކި ސިޔާސީ ފިކުރެއްގައި ތިބޭ ބަޔަކަށްއެކަނި ނުވަތަ މިހާރު އޮތް ކޯލީޝަން ސަރުކާރަށް އެކަނި މިޤައުމާމެދު ބަސްބުނުމެއްނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އެހެނީ ދިވެހި ކޮންމެ ރައްޔިތަކީ މިދިވެހި ފަސްގަނޑުގެ ވާރުތަވެރިއެކެވެ. ވެރިކަން ބަދަލުވުމަކީ އާކަމެއްނޫނެވެ. އެކަން އަދިވެސް އޮތީ އެމަގުން ކުރިއަށްދިއުމުގައެވެ. އަދި ވެރިންގެ ތުންފުއްސަކަށް ރައްޔިތުން ނުވެސް ހެދޭނެއެވެ." އާޒިމް ވިދަޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ޤައުމަށް ހެޔޮބަދަލު ގެނައުމަށް ރައްޔިތުން ތިބީ ދޫދޭކަން ނޫން ކަމަށާއި އެކަން ރައްޔިތުން ކުރާނެ އަދި ކުރެވޭނެ ކަމަށެވެ. އަދި މިހާރު މިދަނީ ވަގުތު ކުޑަތަންވަމުން ކަމަށެވެ.
ރައްޔިތުން 2023 ގައި ނަތީޖާނެރި، ސިއްރު ސިޓީގެ ޙަޤީޤަތް ވަރަށް އަވަހަށް ހާމަވެގެންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް