ޑިސްްލެކްސިއާ އަކީ ކޮބައިކަން ދެނެގަންނާށެވެ!

ޑިވެލޮޕްމަންޓަލް ޑިސްލެކްސިއާ އަކީ ލިޔެ ކިޔުމާއި ބަސްދޭހަވުމާއި ދެނެގަތުމުގެ މައްޗަށް ބިނާކޮށް އުނގެނުމަށް ދިމާވާ ޚާއްޞަ ނުކުޅެދުންތެރިކަމެކެވެ. މިއީ އުފެދުމުގައި ދިމާވާ ނިއުރޯބަޔޮލޮޖިކަލް މަައްސަލަތަ...

28 Oct 2022 | 11:08

ޑިވެލޮޕްމަންޓަލް ޑިސްލެކްސިއާ އަކީ ލިޔެ ކިޔުމާއި ބަސްދޭހަވުމާއި ދެނެގަތުމުގެ މައްޗަށް ބިނާކޮށް އުނގެނުމަށް ދިމާވާ ޚާއްޞަ ނުކުޅެދުންތެރިކަމެކެވެ. މިއީ އުފެދުމުގައި ދިމާވާ ނިއުރޯބަޔޮލޮޖިކަލް މަައްސަލަތަކެއްގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ.

ޑިސްލެކްސިއާ އަކީ އުނގެނުމުގައި ދިމާވާ އެންމެ އާންމު ނުކުޅެދުންތެރިކަމެވެ. އާބާދީގެ 5-10 އިންސައްތައާ ދެމެދުގެ ޢަދަދަކަށް މި ނުކުޅެދުންތެރި ކަމުގެ އަސަރު ކުރާކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.

ޑިސްލެކްސިއާ އަކީ ބަހުގެ އަޑުގެ ބައިތައް މާނަކުރުމުގައި ދިމާވާ ދަތިތަކެކެވެ. މިގޮތުން ބަސް ދެނެގަތުމާއި ދޭހަކުރުމާއި ސްޕެލް ކުރުމުގައި މިފަދަ ކުދިންނަށް އުނދަގޫވެއެވެ.

މީގެ ސަބަބުން ލިޔެފައި ހުންނަ އެއްޗެހި ކިޔަން އުދަގޫވެ ލިޔެފައި ހުންނަ ލަފްޒުތުގެ މާނަ ދެނެގަންނަން ގޮންޖެހުންތަކަކާއި ކުރިމަތިވެއެވެ.

ވިސްނުމުގެ ފެންވަރު އެވްރެޖް މިންގަޑުގައި ހުންނަކުދިން ނުވަތަ އެއަށްވުރެ މަތީގައި ވިސްނުންތެރިކަން ހުންނަ ކުދިންނަށްވެސް މިމައްސަލަ ދިމާވެއެވެ. އެހެންކަމުން މިއީ ކުއްޖާގެ ވިސްނުމުގެ ފެންވަރު ދަށްކަމުން ދިމާވާހާލަތެއްކަމުގައި ބުނެވޭނެ ޖާގައެއްނެތެވެ.

ފޮތްކިޔާހިތްޖެއްސުމަށް ކުރެވޭ އެތައް ކަމަކާއި މިކުދިންގެ ކުރިމަތީގައި ހުޅުވާލެވޭ އެތައް ފުރުޞަތަކާއެކުވެސް މިއުދަގޫ ދިމާވާ ކުދިންގެ ޝައުޤުވެރިކަން ހޯދަން ދަތިވެއެވެ.

ޑިސްލެކްސިއާ ހުންނަ ކުދިންނަށް އަސާސީ ގޮތެއްގައި އަކުރުތަކާއި އެއަކުރުތަކުން ދޭހަވާ އަޑުތަކާއި ގުޅުވަން އުދަގޫވެއެވެ. އާއްމު ގޮތެއްގައި މިކުދިންނަށް ސްޕެލިން ހަދާން ބެހެއްޓުމާއި ލިޔުމާއި ވާހަކަދެއްކުމުގައި ދަތިތައް ކުރިމަތިވެއެވެ.

އެމެރިކާގައި ހެދުނު ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން އެތަނުގައި ދިރިއުޅޭ މީހުންގެ އާބާދީގެ %20 މީހުންގެ ކިބައިގައި ލިޔަން ކިޔަން އުދަގޫވުމުގެ މި މައްސަލަހުރެއެވެ. އަދި މި %20 ޕަސެންޓްގެ ތެރެއިން %80 މީހުންނަކީ ޑިސްލެކްސިއާ ހުންނަމީހުންނެވެ. އެހެން ކަމަށްވާނަމަ ދުނިޔޭގެ އެހެން އާބާދީތަކުގައިވެސް މިމައްސަލަ އުޅޭގޮތަށް މިކުޑަކުޑަ ރާއްޖޭގެ ބައެއް ކުދިންނަށް ފޮތްކިޔަން އުދަގޫވެގެން އުޅޭ އެއްމައްސަލައަކީ ޑިސްލެކްސިއާ ކަމުގައި ވެދާނެއެވެ.

އުނގެނުމަގައި ދިމާވާ ދަތިކަން ޑިސްލެކްސިއާ މެދުވެރިވާ ސަބަބަކީ ކޮބައިކަމެއް ޑޮކްޓަރުންނަށް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު ބޮޑަށް ޤަބޫލު ކުރެވެނީ މިއީ މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީންގެ ސަބަބުން ދިމާވާކަމެއް ކަމުގައެވެ.

ރަގަޅުގޮތުގައި ދެވޭ އިރުޝާދާއި އެހީތެރިކަމާއެކު، ޑިސްލެކްސިއާ ހުންނަ ކުއްޖަކަށް ލިޔަން ކިޔަން ދަސްކުރެވޭނެއެވެ. އަދި ސްކޫލަށް ގޮސް ތަޢުލީމު ޙާޞިލްކޮށް އަމިއްލަ ޙަޔާތުގައި ކާމިޔާބު ހޯދޭނެއެވެ.

އެހެންކަމުން މިމައްސަލަ ހުންނަކުއްޖެއް ޑައިގްނޯސްކޮށް ވީހާ ޅައުމުރެއްގައި މިކަން ދެނެގަތުމަކީ ބޭނުންތެރި ކަމެކެވެ. އެހެނީ އެކުއްޖަކަށް ބޭނުންވާ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވޭނީ އެކުއްޖެއްގެ މައްސަލަ ފުރިހަމައަށް ދެނެގަނެވިގެންނެވެ.

ޑިސްލެކްސިއާ އަކީ ކޮބާ؟

ޑިސްލެކްސިއާގެ އާއްމު މައްސަލައެއްކަމަށް ލަފާކުރެވެނީ އަކުރުތައް ހުންނަ ތަރުތީބާއި އިދިކޮޅު ތަރުތީބަކަށް އަކުރުތައް އެކުދިންނަށް ފެނުމެވެ.

މީގެ މިސާލަކީ b (ބީ) އަޅާފައި އިންނައިރު P (ޕީ) ގެ ގޮތުގައި ފެނުމެވެ.

އަދި ހަމައެހެންމެ ބަހެއް ލިޔެފައި އިންނައިރު މިސާލަކަށް  ''now'' އަޅާފައި އިންނައިރު ''won'' ކަމަށް ފެނުމެވެ.

ޑިސްލެކްސިއާ ހުންނަ ބައެއްކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކަކީ މިއީ ކަމަށްވާއިރު މި އަލާމާތްތަކަކީ ޑިސްލެކްސިއާ ހުންނަ ދަރިވަރެއް ނޫނަސް ފުރަތަމަ ގްރޭޑް ނިމޭހިސާބަށް ދާއިރު ވެސް ވަރަށް ގިނަކުދިންނަށް ދިމާވާ މައްސަލައެކެވެ.

ގިނަކުދިން ކިޔަން ދަސްކުރަމުން އަންނައިރު ހުރިހާ ކުދިންވެސް ޑީކޯޑް ކުރުމުގެ ހުނަރު ދަސްކުރެއެވެ.

އަކުރެއް ފެންނައިރަށް އެއަކުރުގެ ބައްޓަމާއި އެއަކުރަކާއި ގުޅިފައިވާ އަޑު ދެނެގަނެއެވެ.

މީގެ އިތުރުން އެއަކުރުތައް ގުޅިގެން ހެދިފައިވާ ލަފްޒުތަކުން ނުކުންނަ އަޑަކީ ކޮބައިކަން ދަސްކުރެއެވެ. އަދި މިލަފްޒުތައް އެއްކޮށްގެން ޖުމްލައެއް ހަދައި އެއިން ދޭހަވާ މާނަ އެކުދިން ދަސްކުރެއެވެ.

ޑިސްލެކްސިއާ ހުންނަކުދިންނަށް ދިމާވާ ގޮންޖެހުމަކީ އަކުރުތަކުން ނުކުންނަ އަޑުތަކާއި އެއަކުރުތައް ގުޅިގެން އުފެދޭ ލަފްޒުތަކާއި އަދި މިލަފްޒުތައް އެއްކޮށް ޖުމްލަ އަތުރާލުމުން އެއިން ދޭހަވާ މާނަ އެކަތި އަނެކައްޗާއި ގުޅުވައިގެން ދެނެގަތުމުގައި ދަތިތަކާއި ކުރިމަތިލާންޖެހުމެވެ.

ލަފްޒެއް ކިޔާގޮތް ދެނެގަތުމަށް ގިނައިރު ނަގާނަމަ ޖުމްލައެއް ކިޔުމަށާއި އޭގެ މާނަ ދޭހަވުމުގައި އެ ކުދިންނަށް އެތައް ވަގުތެއް އެކަމަކަށް ހޭދަކުރަންޖެހެއެވެ.

ޑިސްލެކްސިއާ ހުންނަ ކުއްޖަކު ދިގު ޖުމްލައެއް ކިޔަން މަސައްކަތް ކުރާއިރު އެޖުމްލައިގެ ތެރޭގައި ހުންނަ ކުރިންކިޔާފައިވާ ލަފްޒުގެ މާނައާއި ކިޔާގޮތް ޖުމްލައިގެ ފަހުބައިގައި އައިސްފައި ވާނަމަވެސް ހަނދާންނެތިދާނެއެވެ. ހަމައެގޮތަށް ޖުމްލައެއް ކިޔަން އެގޭވަރުވުމުންވެސް ޕެރެގްރާފެއް ކިޔާއިރު މިގޮތަށް މައްސަލަ ދިމާވެއެވެ.

ޑިސްލެކްސިއާގެ ބައެއް ޙާލަތްތަކުގައި ބައެއް އަޑުތައް ދޭހަވާ އަކުރުތައް އޭގެ އެއްއަކުރާއި އަނެއްއަކުރު ވަކިކޮށް ދެނެގަންނަން އުދަގޫވެއެވެ.

މިސާލަކަށް ބުނާނަމަ "ބ" އިން ނުކުންނަ އަޑާއި "ޕ" ނުކުންނަ އަޑު ތަފާތުކޮށް ދެނެގަންނަން ނޭނގިދާނެއެވެ.

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ޑިސްލެކްސިއާގެ މައްސަލަ ދިމާވަަނީ ސިކުޑި އުފެދިފައިވާ ގޮތުންނާއި ސިކުނޑިއަށް ލިބޭ މަޢުލޫމާތު ޕްރޮސެސްކުރާ ގޮތަކުންނެވެ. ކުރިންވެސް ބުނެވުނު ފަދައިން މީގައި ވިރާސީ ސަބަބެއް ވާކަމަށް ލަފާކުރެވެއެވެ.

ޑިސްލެކްސިއާ ހުރިކަން ދެނެގަތުން

ޑިސްލެކްސިއާ ހުރިކަން ގިނަފަހަރަށް ދެނެގަނެވެނީ ޕްރީސްކޫލްގައި ނުވަތަ ޕްރައިމަރީ ގްރޭޑްތަކުގެ ގެ ކުރީކޮޅުއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިކަން ދެނެގަނެވެނީ ތަންކޮޅެއް ބޮޑުވާފަހުން ބަހުގެ ޤަވާއިދުތައް ދަސްކޮށް ދިގު ޕެރެގްރާފްތަކާއި ތަންކޮޅެއް އުދަގޫ ލިޔުންތައް ކިޔަންއުޅޭވަރު ވުމުންނެވެ.

ޑިސްލެކްސިއާ ހުންނަ ވަރަށްގިނަކުދިން އެކަން ހުންނަކަން ދެނެނުގަނެވި ހައެއްކަ އަހަރުވެސް ފާއިތުވެގެން ހިގައިދާނެއެވެ. މިހެން ވެއްޖެނަމަ ކިޔުމުގައި ބޮޑެތި މައްސަލަތަކާއި ދިމާވެ އަދި ކުއްޖާގެ އަމިއްލަ ނަފްސުގެ އިތުބާރު ގެއްލި ހިތްވަރު އެލޭގޮތްވުން އެކަށީގެންވެއެވެ.

މިސަބަބަށްޓަކައި ކުއްޖާގެ ތަޢުލީމީ ޙަޔާތުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައި ޑިސްލެކްސިއާގެ ޢަލާމާތްތައް ހުރިކަން ދެނެގަތުން މުހިއްމެވެ. އޭރުން އޭގެ ވަގުތުގައި ކިޔުންރަގަޅު ކުރުމަށްޓަކައި ދޭންވާ އިރުޝާދު ދިނުމަށް ވަގުތުން ފެށޭނެއެވެ.  ހަމަ އެހެންމެ ކުދިންގެ ކިޔެވުމުގައި ދިމާވާ ދަތިތައް ދަނެގަނެ އެކަށީގެންވާ ލަނޑުދަނޑިތައް ކަނޑައެޅުމަކީ އެކުދިންގެ ތަޢުލީމީ ނަތީޖާ ރަނގަޅުކޮށް މުސްތަޤްބަލުގައި ކާމިޔާބު ހޯދުމުގައި ވަރަށް މުހިންމު ކަމެކެވެ.

މިގޮތުން ކުއްޖާއަށް އުނގެނުމުގެ ޚާއްޞަ ނުކުޅެދުންތެރިކަން ހުރި ގޮތް ދެނެގަނެ، އުނގަންނައިދިނުން ކަށަވަރުވާ ފަދަ ގޮތަކަށް އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

ޑިސްލެކްސިއާ ހުންނަ ކުދިންނަކީ އާންމު އެހެން ކުދިންނެކޭ އެއްފަދައިން އުޖާލާ ކުރިމަގެއް ހާސިލްކުރެވިދާނެ ބައެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެމީހުންގެ ސިކުނޑި އަކީ ތަފާތު ގޮތަކަށް ވަޔަރކުރެވިފައިވާ އެއްޗެއް ކަމުގައި ވީނަމަވެސް ޑިސްލެކްސިއާ ހުންނަ ގިނަ މީހުންނަކީ ކިޔެވުމާއި ސްޕެލިން ފިޔަވައި އެހެން ދާއިރާތަކުން ވަރުގަދަ ހުނަރުތަކެއް ލިބިފައިވާ ބައެކެވެ.

ޑިސްލެކްސިއާ ހުންނަ ކުދިންގެ ލިޔެ ކިޔުމުގެ ޤާބިލުކަން އެ އުމުރުގެ އެހެން ކުދިންނާއި އެއް ރޭޓެއްގައި ހިފަހައްޓާ ނުލެވުނު ކަމުގައި ވިޔަސް އުފާވެރި ޚަބަރަކީ އެކަށީގެންވާ އިރުޝާދާއެކު، މި ކުދިންނަށް ވެސް ކިޔެވުމާއި، ސްޕެލްކުރުމާއި، ލިޔެ ކިޔުމުގެ އެހެނިހެން ހުނަރުތައް ތަރައްޤީ ކުރެވިދާނެ ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް