ޗާގޮސް/ރާއްޖެ އިން ވަކި ކުރުމުގެ މައްސަލައިގާ އެކަމުގެ ސައްހަ މައުލޫމާތު، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހިއްސާކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.
އެ ޕާޓީއިން މިކަމަށް ގޮވާލީ މިކަމުގެ ކަންކަން ދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެމްއާރްއެމްގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެމް.އާރް.އެމް ގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެގޮތުން މިއިން އެއްވެސް ކަމަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އެ ޕާޓީން ތާއީދެއް ނުކުރާނެކަމަށެވެ.
"އެހެންކަމުން، ދިވެހިރާއްޖެއާއި ފޯޅަވަހީ (ޗާގޯސްއާރކިޕެލާގޯ)ގެ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. ރާއްޖެ އަކީ ޤައުމުތައް އަޅުވެތި ކުރުމާ (ކޮލޮނައިޒޭޝަނާ) ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ޤައުމެއްކަމާއި، އެ ސިޔާސަތަކީ ހަމައެކަނި މިސަރުކާރުގެ ސިޔާސަތެއް ނޫންކަން ފާހަގަ ކުރަމެވެ. އެހެންނަމަވެސް، މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ، އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ދަށަށް ހިނގައްޖެނަމަ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކުޑަވެ، އިޤްތިޞާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ޤުދްރަތީ ވަސީލަތްތަކަށްވެސް އުނިކަން ލިބޭނެތީއެވެ." އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުޤައި ބުނާގޮތުން ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަޙައްދެއް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ލިބިދީފައިވެއެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން މިދެންނެވުނު ސަރަޙައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްބަސްވެ ސޮއިކޮށްފައިނުވާކަމަށާއި އެކަން އެހެން އޮތްއިރު، 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓު ދިނުމަށްފަހު، އެސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައި ނެތުމުން، އޭގެ އަޑީގައި ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގާ ދިޔަ ގޮތް ހާމަކުރުން މުހިންމުކަމަށް އެ ޕާޓީން ދެކޭކަމުގައި ބުނެފައިވެއެވެ.
ހަމަ އެހެންމެ، ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއްކަމަށް އައި.ސީ.ޖޭ އިން އ.ދ އަށް ލަފާ ދިނުމަށްފަހު، 2019 ގައި އ.ދ ގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުދީފައި، މިހާރު ކުއްލިއަކަށް ސިޔާސަތު ބަދަލުކުރަން ނިންމުމުގެ ކުރިން ކޯލިޝަން ގައި ހިމެނޭ ޕާޓީ އެއްގެ ހައިސިއްޔަތުން، އެމް.އާރް.އެމްއާ އެއްވެސް މަޢުލޫމާތެއް ސަރުކާރުން ހިއްސާ ނުކުރައްވާކަމުގައިވެސް އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
"އަދި ހަމަ އެހެންމެ، މިމައްސަލައަކީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދާ ގުޅުންހުރި މައްސަލައަކަށްވެފައި އިޤްތިޞާދީ ގޮތުން ދިވެހި އާއިލާ ތަކަށް ބޮޑު މަންފާއެއް ލިބެމުން އަންނަ މަސްވެރިކަމުގެ ދާއިރާއަށް ވެސް ގެއްލުން ތަކެއް ލިބިދާނެކަމެކެވެ. އަދި މަސްވެރިންގެ މަސްލަހަތު ވެސް އިންތިހާއަށް އޮތް ކަމެކެވެ. މި މައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މިކަމުގައި މަޖިލީހުގެ ބަހެއްވެސް ސަރުކާރުން ހޯއްދަވާފައި ނުވާތީ އެމް.އާރް.އެމް އިން ނުހަނު ކަންބޮޑުވަމެވެ. މީގެ އިތުރުން މިމައްސަލާގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ ފަރާތްތަކާއެކު ވަކާލާތު ކުރުމުގައި، ކަމުގެ ފަންނީ މާހިރުން ދިވެހިންގެތެރޭގައި ތިއްބެވިއިރު، އޭގެ ތެރެއިން ގިނަބޭފުޅުންގެލަފައާއި މަޝްވަރާ ހޯއްދަވާފައިނުވާކަމީ، ހިތާމަހުރިކަމެކެވެ." އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްއާރްއެމްގެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވަނީ މިކަމުގެ ސައްޙަ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނާ ހިއްސާ ކޮށްދެއްވުމަށް ސަރުކާރަށް އެ ޕާޓީއިން ގޮވާލާކަމަށާއި އަދި، ރާއްޖޭގެ ސިޔާދަތީ ޙައްޤަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެޕާޓީން ތާއީދު ނުކުރާނެކަމަށެވެ. އަދި އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވާނަމަ އެ ނިންމުން ބަދަލުކުރުމަށްވެސް އެމް.އާރް.އެމް އިން ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް