ދުނިޔޭގައި މިހާރު ނެތެމުން އަންނަ އެންމެ ބޮޑު އެއް ކަމަކީ އެކަކު އަނެކަކަށް އިހުތިރާމު ކުރުން: މުފްތީ މެންކް

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙަ...

28 Oct 2022 | 08:25

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

މިއަދުގެ ހުކުރު ޚުތުބާ އިސްލާމީ މަރުކަޒުގައި އިމާމުގެ ކޮށްދެއްވީ، ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކްއެވެ.

ޢާލަމްތަކުގެ ވެރި އިލާހަށް އަޅުކަން ކުރުމުގައި ދެމި ތިބުމަށް ހަނދުމަ ކޮށްދެއްވަމުން މުފްތީ މެންކް ވިދާޅުވީ ތިމާގެ މައިންބަފައިންނާއި، އަނބިދަރީންނާއި އަދި އާއިލާގެ އެހެން މީހުން ދެކެ ވެސް ލޯބިވުމަކީ ކުށެއް ނޫން ކަމަށާއި އެހެން ނަމަވެސް އެ އެންމެންނަށް ވުރެ ވެސް ބޮޑަށް ކޮންމެ އިންސާނަކު ވެސް އެންމެ ބޮޑަށް ލޯބިވާން ވާނީ ތިމާ ހެއްދެވި ފަރާތް ދެކެ ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް މާތް ﷲ ވަނީ ވަކި ހައްދެއް ކަނޑައަޅުވާފަ. އަދި އެ ހައްދު ފަހަނަ އަޅައި ނުދިޔުމަށް އެކަލާނގެ އަޅުތަކުންނަށް އަންގަވާފައިވޭ. ނަމަވެސް އިންސާނުންނަކީ ކުށްކުރެވޭނެ ބައެއްކަން އެކަލާނގެ ދެނެވޮޑިގެންވާ ހިނދު އަންގަވާފައިވަނީ ކުށެއް ކުރެވޭ ހިނދު ލަސްނުކޮށް އެކުށަކަށް އަވަހަށް ތަޢުބާވުމަށް އަދި ސީދާވެގެންވާ ތެދުމަގަށް އެނބުރި ދިޔުމަށް" މުފްތީ މެންކް ވިދާޅުވިއެވެ.

މީގެއިތުރުން މުފްތީ މެންކް ވިދާޅުވީ، ތިމާ މީހާ ތެދުމަގުން ކައްސާލައިފިކަން އަމިއްލައަށް ވެސް އިހުސާސްވާ ހިނދު، އެކަލާނގެ ފޮނުއްވާފައިވާ ފޮތް (ކީރިތި ޤުރްއާން) ކިޔެވުމަށެވެ. އަދި ޤުރްއާން ކިޔެވުމުގައި ހަމައެކަނި ޢަރަބި ބަސްތައް އެކަނި ނުކިޔައި، އާޔަތްތަކުގެ ތަރުޖަމާ ވެސް ކިޔުމަށް މަސޭޙަތްތެރިވިއެވެ. އެކަމުގެ ސަބަބުން ކޮންމެ އަޅެއްގެ ވެސް ހިތް އިތުރަށް ސާފުވެ، ހިތުގައި އުފެދޭ ނުރަނގަޅު ވިސްނުންތައް ފިލައިދާނެ ކަމަށް ވެސް މުފްތީ މެންކް ވިދާޅުވިއެވެ.

"ކީރިތި ޤުރްޢާން ކިޔަވައި، އެ ޤުރްއާނުގައި މާތް ﷲ އަންގަވާފައިވާ އެންގުންތައް ހިތުގެ އެންމެ ފުންމިނުން ވިސްނުމުން ކޮންމެ އަލަކަށް ވެސް ތެދުމަގު ލިބިގެން ދާނެ. ހަމަ ޔަގީނުން ވެސް ކީރިތި ޤުރްޢާނަކީ ތެދުމަގަށް ވާސިލުވުމަށް އެކަލާނގެ ފޮނުއްވާފައިވާ ފޮތެއް. އަދި އަހަރެމެންގެ ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތާ އެއްގޮތަށް ޢަމަލު ކުރުމަށް ވެސް ކީރިތި ޤުރްއާން އެހީތެރިވެދޭ" މުފްތީ މެންކް ވިދާޅުވިއެވެ.

މިއަދުގެ ޚުތުބާގައި މުފްތީ މެންކް އިތުރަށް ވިދާޅުވީ އިންސާނުންގެ މެދުގައި މިހާރު ނެތެމުން އަންނަ އެންމެ ބޮޑު އެއް ސިފައަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރުން ކަމަށެވެ. އެގޮތުން މާތް ﷲ ހެއްދެވި އެހެން އަޅުތަކުންނަށް އިހުތިރާމް ނުކުރާނަމަ، އެކަލާނގެއާ ދެމެދު ވަރުގަދަ ގުޅުމެއް ތިމާއަށް ބިނާ ކުރެވޭނީ ކިހިނަކުންތޯ މުފްތީ މެންކް ސުވާލު ކުރައްވާފައިވެއެވެ.

"އެކަކު އަނެކަކާ ދެބަސްވުން އުފެދޭނެ ކަންކަން ކުރިމަތި ވާނެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް މާތް ﷲ. އެހެންނަމަވެސް، އެކަލާނގެ އަންގަވާފައިވަނީ އެކަކު އަނެކަކަށް އިހުތިރާމާއެކު ދެބަސްވާން" މުފްތީ މެންކް ނަސޭހަތްތެރިވެފައިވެއެވެ.

މާތް ﷲ އެކަލާނގެ ހުރިހާ އަޅުތަކުންނަށް ވެސް އަންގަވާފައިވަނީ، އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަސްކޮށްދިނުމަށް ކަމަށާއި މިއީ އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމެއް ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް