އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޓޮޓެންހަމުން، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކޭންއަށް އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ނުކުޅެވޭނެއެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ޖެހި 8 ލަނޑާއެކު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ކޭންގެ ފަލަމަސްގަނޑަށް އަނިޔާ ވެފައިވާއިރު، މިއީ އެންމެ ފަހުން ލީގުކަޕްގައި ވެސްޓްހޭމް އަތުން ބަލިވެ މުބާރާތުން ކެޓި ޓޮޓެންހަމްއަށް ލިބޭނެ ވަރަށް ބޮޑު އުނިކަމެކެވެ. އަނެއްކޮޅުން ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވުރެ 5 ޕޮއިންޓް ފަހަތުގައި ކަމަށްވުމުން މިއަދުގެ މެޗަކީ އެ ޓީމަށް ކޮންމެހެންވެސް މޮޅުވުން މުހިންމު މެޗެކެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު ޕޮޗެޓީނޯ ބުނެފައިވަނީ ކޭން އަކީ ޔޫރަޕް އަދި ދުނިޔޭގެވެސް އެންމެ މޮޅު އެއް ފޯވާޑުކަމަށާއި، އެ ޓީމުގެވެސް އެއްވަނަ ފޯވާޑު ކަމަށްވުމުން ކޭން ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް، ކޭން ނުލާވެސް ޔުނައިޓެޑްގެ މައްޗަށް ކާމިޔާބު ހޯދޭނެކަމަށް ގަބޫލު ކުރާކަމަށެވެ.
މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ވަނީ ހެރީ ކޭން އާ ބެހޭ ގޮތުން އޭނާ ކައިރީގައި ނޭހުމަށް ބުނެފައެވެ. މޮރީނިއޯ ބުނީ އޭނާ އަނިޔާގައި ތިބޭ ކުޅުންތެރިންގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، އަނިޔާގައި ތިބޭ ކުޅުންތެރިންގެ ވާހަކަދައްކާނަމަ، ޕޮގްބާ، އިބްރަހިމޯވިޗް، ކެރިކް އަދި ރޯހޯ ގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ.
ޔުނައިޓެޑުން މިމެޗާ ކުރިމަތިލާއިރު އެ ޓީމު ދެ ވަނައިގައި އޮތީ ޓޮޓެންހަމްއާ އެއްވަރަށް ޕޮއިންޓް ލިބި ލަނޑުގެ ތަފާތުންނެވެ. އަނެއްކޮޅުން އެންމެފަހުން ކުޅުނު މެޗުން އާދައިގެ ޓީމެއް ކަމަށްވާ ހަޑާސްފީލްޑް އަތުން ބަލިވެފައިވުމާއެކު، މިއީ ޔުނައިޓެޑަށްވެސް މޮޅުވުން ވަރަށް މުހިންމު މެޗެކެވެ.
ޓޮޓެންހަމް އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެ ގަޑިން މިއަދު 16:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް