އައިފޯނު ބްރޭންޑްގެ ހައިރާން ކުރުވަނިވި މޮޑެލް، އައިފޯނު އެކްސް ނުވަތަ އައިފޯނު 10 ޕްރީ އޯޑަރަށް ހުޅުވާލިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި، ލޯންޗިންގ ސްޓޮކް ވަނީ ވިކި ހުސްވެފަ އެވެ.
އެއީ ކިހާ އަދަދެއްކަން އެޕަލްއިން ހާމަކޮށްފައި ނުވި ނަމަވެސް، އެޕަލްގެ ވެބްސައިޓް މެދުވެރިކޮށް އައިފޯނު ގަންނަން މަހެއްހާ ދުވަސް ނަގާނެ ކަމަށް އެޕަލްއިން ވަނީ ބުނެފަ އެވެ. ނަމަވެސް މި ފޯނު ލޯންޗް ކުރާ ދުވަހު އެޕަލް ސްޓޯރުތަކުން ފޯނު ގަންނަން ލިބޭނެ ކަމަށްވެސް އެޕަލް އިން ވަނީ ބުނެފަ އެވެ. އެއީ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ.
މި ފޯނުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޕްރީ އޯޑަރު ސްޓޮކް ހުސްވެފައިވާއިރު އެ މަދު ވަގުތުކޮޅުގެ ތެރޭގައި އައިފޯނު އެކްސްގެ ޕްރީ އޯޑަރު ހެއްދި ބައެއް މީހުން މިހާރު އަންނަނީ އެމީހުންގެ ފޯނު ބޮޑު އަގުގައި އީބޭގައި ވިއްކަން ޖަހަމުންނެވެ.
އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަސް ހާހަށްވުރެ ގިނަ މީހުން އައިފޯނު އެކްސް ވިއްކަން ޖަހާފައިވާކަމަށް އީބޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އެވްރެޖް އަގު އުޅެނީ 1500 ޑޮލަރަށް ކަމުގައިވީނަމަވެސް ބައެއް މީހުން، އައިފޯނު އެކްސް 50 ހާސް ޑޮލަރަށްވުރެ މަތިކޮށް ވިއްކަން ޖަހާފައިވެ އެވެ.
އަދި ގިނަ އަދަދަކަށް މީހުން އެމީހުންގެ ކޮންފަމޭޝަން 20 ހާސް ޑޮލަރަށްވުރެ އަގުބޮޑުކޮށް އީބޭގައި ވިއްކަން ޖަހާފައިވެ އެވެ.
އެޕަލް އިން މި ފޯނު ދައްކައިލި ދުވަހު ބުނެފައިވަނީ ފޯނުގެ އަގު ފެށޭނީ 999 ޑޮލަރުން ކަމަށެވެ. އަދި 256 ޖީބީގެ މޮޑެލް ލިބޭނީ 1149 ޑޮލަރަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް