ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮވި ޙާދިސާ އާއި ގުޅިގެން ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ތަޙުޤީޤަށް ފުލުހުންގެ ބަންދުގައި ހުންނެވި ނައިބް ރައީސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރު ދޫނިދޫގައި ބަންދު ކޮށްފައި ހުންނަ ތަނަކީ އެފަދަ ޢިއްޒަތްތެރިން ބޭތިއްބުމަށް ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ހަމަޖެހިފައިވާ އެއްތަން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ބަންދުގައި ތިބޭ މީހުން ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ބޭތިއްބުމުގައި ޢަމަލުކުރަމުންދާ އުޞޫލުގެތެރެއިން ނައިބްރައީސް އަޙްމަދު އަދީބުއަށް އެންމެ އެކަށޭނަ ޚިދުމަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދަނީ ފޯރުކޮށްދެމުން ކަމަށެވެ.
"27 އޮކްޓޫބަރު 2015 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ކޮށްފައިވާ 145-J(MD)/2015/7156 އަމުރާ އެއްގޮތަށް ނައިބްރައީސް އަޙްމަދު އަދީބު ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުންނަ ހުރުމުގައި ނިދުމާ ކެއުމުގެ ކަންކަން އެކަށީގެންވާ ގޮތެއްގެ މަތިން ހަމަޖައްސައިދެމުން ގެންދާ ވާހަކަ ދަންނަވަން" ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ކުރިންވެސް ދެންނެވި ފަދައިން ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އިސްވެ ދެންނެވި އަމުރު ކުރުމުގެ ކުރިންވެސް ފުލުހުން ގެންދިޔައީ ނައިބްރައީސް އަޙްމަދު އަދީބަށް އެއަމުރުގައި ބުނެފައިވާ ގޮތަށް ދޫނިދޫ ކަސްޓޯޑިއަލް އިން ޚިދުމަތް ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ނައިބް ރައީސް އަޙްމަދު އަދީބު ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުންނަވާއިރު ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތަށް ކަންކަން ހަމަޖައްސާފައިވޭތޯ ބައްލަވަން ކްރިމިނަލް ކޯޓުން ދޫނިދޫ ކަސްޓޯޑިއަލް އަށް މިއަދުގެ ވަގުތެއްގައި ޒިޔާރަތް ކޮށްފައިވާ ވާހަކަވެސް ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް