މިއަދު މެންދުރު ގއ. ދެއްވަދޫއަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ވަފްދެއް އެ ރަށަށް އެރުމުން މަސްވެރިންތަކެއް ނިކުމެ ބޭރުކޮށްލައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންތަކެއް އެ ރަށަށް ގޮސްފައިވަނީ ފިނި ކުރާ އާރްއޯ ޕްލާންޓާ ގުޅޭ މައުލޫމާތު ދޭށެވެ. އެހެން ނަމަވެސް މަސްވެރިން ވަނީ އިއްޔެ ވެސް އެ ޓީމު އެ ރަށަށް އެރިޔަ ނުދީ ބޭރުކޮށްލާފައެވެ.
މިއަދު އެ ޓީމު އެ ރަށަށް ގޮސްފައިވަނީ މެންދުރު ނަމާދު ވަގުތުގައެވެ. މަސްވެރިން ނިކުމެ އެމީހުން އެރަށުން ބޭރުކޮށްފައި މިވަނީ މިފްކޯއަށް ވިއްކި މަހަށް ފައިސާ ނުދީ ގިނަ ދުވަސްވެގެން ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފަރާތަކުން ބުނެއެވެ.
މި ޓީމުން އެ އޮތޮޅުގެ ދާންދޫއަށް ބުރާސްފަތި ދުވަހު ދިޔުމުން ވެސް މަސްވެރިން ނިކުމެ އެ ބޭފުޅުން އެ ރަށުން ވަނީ ބޭރުކޮށްފައެވެ.
މީގެ ކުރިންވެސް މަސްވެރިން ވަނީ އެ މީހުންނަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވެގެން ބޮޑު މުޒާހަރާއެއް އެކި ސަރަހައްދުތަކުގައި ފަށާފައެވެ. އެގޮތުން ސަރުކާރަށް ޕްރެޝާރ ބޮޑުވެ އެ ފައިސާތައް ވަނީ މަސްވެރިންނަށް ދައްކާ ހަލާސްކޮށްފައެވެ. އޭގެ ފަހުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ލަސްވެގެން އަނެއްކާވެސް މަސްވެރިން މިވަނީ އިހުތިޖާޖުތައް ފަށާފައެވެ. މިފްކޯއިން ބުނީ، މި ފެށޭ ހަފްތާ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދައްކާ ޚަލާސް ކުރާނެ ކަމަށެވެ.
މަސްވެރިންނަށް މިހާރު މޮފްކޯއިން ދައްކަން ޖެހޭ ޖުމްލަ އަދަދަކީ7 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް