ބޫޓާން އިން ތައްޔާރުވަމުން ދަނީ އަވަށްޓެރި އިންޑިއާ އިން ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ މުއްދަތަށް ކަރަންޓު އެތެރެކުރުމަށެވެ. މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ބޫޓާންގައި އެލެކްޓްރިސިޓީގެ ޑިމާންޑް އިތުރުވާނެ ކަމަށް އަންދާޒާކޮށް ދެގައުމު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
އާދަޔާ ހިލާފަށް ޑްރޫކް ގްރީން ޕަވާ ކޯޕަރޭޝަން (ޑީޖީޕީސީ) އިން ކަރަންޓު އެތެރެކުރަނީ އެންމެ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ޑީޖީޕީސީއަށް މަޖުބޫރުވީ މިދިޔަ އަހަރު ހަތަރު މަސް ދުވަހަށް ކަރަންޓު އެތެރެކުރުމަށެވެ.
2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ޑީޖީޕީސީން ވަނީ ޖުމްލަ 367.17 މިލިއަން ޔުނިޓްގެ ކަރަންޓު އެތެރެކޮށް، ގާތްގަނޑަކަށް 1.75 ބިލިއަން ރުފިޔާގެ ކަރަންޓު އެތެރެކޮށްފައެވެ.
ޑިޕާޓްމަންޓް އޮފް އެނާޖީ، ބޫޓާން ޕަވާ ކޯޕަރޭޝަން، ބޫޓާން ޕަވާ ސިސްޓަމް އޮޕަރޭޓަރު އަދި ޑީޖީޕީސީ ގުޅިގެން ދާދި ފަހުން ކުރި ދިރާސާއަކުން ވަނީ 2023-2024 ގެ މުއްދަތުގައި ފަސް މަސް ދުވަހަށް ހަކަތަ އެތެރެކުރަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ. މިއީ އެތެރޭގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާނެ ކަމެއް ކަމަށް ބެލެވެއެވެ. ހާއްސަކޮށް އޮންލައިންކޮށް އަންނަ ހައި ވޯލްޓޭޖް ކަސްޓަމަރުންގެ ޑިމާންޑް ބޮޑުވެގެން ދާނެ ކަމެކެވެ.
ކަރަންޓުގެ ދާއިރާގެ އިސް އޮފިޝަލަކު ތަފްސީލްކޮށް ވިދާޅުވީ މި ފަސް މަސް ދުވަހުގެ ތެރޭގައި ބޫޓާނުން 1500 މިލިއަން ޔުނިޓަށް ވުރެ ގިނަ ކަރަންޓް އިމްޕޯޓް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. "އިންޑިއަން އެނާޖީ އެކްސްޗޭންޖުގައި ކަރަންޓުގެ އަގަށް ބަލާއިރު އިމްޕޯޓްގެ އަގު ހަ ބިލިއަން ރުޕީސް އަށް ވުރެ ބޮޑުވާނެ ކަމަށް ލަފާކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
މި ފަސް މަސް ދުވަހުގެ ތެރޭގައި ކަރަންޓު އިމްޕޯޓު ކުރާ މިންވަރު ބައެއް ފަހަރު ޕީކްވެ، 800 މެގަވޮޓަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް