ދޮގު ފަތުރައިގެން އިންތިހާބު ވަގަށްނަގަން އިދިކޮޅުން އެބަ މަސައްކަތްކުރޭ: އެމްޑީޕީ ކޯލީޝަން

ދޮގު ފަތުރައިގެން އިންތިހާބު ވަގަށްނަގަން އިދިކޮޅުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަން ކުށްވެރިކުރާކަމުގައި އެމްޑީޕީ ކޯލީޝަނުން ބުނެފިއެވެ. އަދާލަތާއި އެމްޑީޕީ ހިމެނޭ އެ ކޯލީޝަނުން މިހެން ބުނެ...

28 Sep 2023 | 16:41

ދޮގު ފަތުރައިގެން އިންތިހާބު ވަގަށްނަގަން އިދިކޮޅުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަން ކުށްވެރިކުރާކަމުގައި އެމްޑީޕީ ކޯލީޝަނުން ބުނެފިއެވެ.

އަދާލަތާއި އެމްޑީޕީ ހިމެނޭ އެ ކޯލީޝަނުން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް މިސް އިންފޮމޭޝަން ކެމްޕޭނެއް ހިންގައި އޭގެތެރެއިން އަސްލެއްނެތް ދޮގުތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުން އަންނަ ކަމީ އެ ކޯލީޝނުން އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ އެންމެހާ ބައިވެރިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރައިގެން އެންޓި ކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރަން، ގައުމުގެ މުސްތަގްބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއް ނެތް ދޮގު ފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތްކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާވައިގެން ހިންގާ މިފަދަ މިސް އިންފޮމޭޝަން ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމް ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެކަމަށާއި އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް