ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) ، ދެވަނަ ބުރުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފިއެވެ.
ފުރަތަމަ ބުރުގެ ނާކާމިޔާބީ އަށްފަހު އުމަރު ނިންމެވީ އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. އަދި އުމަރު ވަނީ 2028 ގެ އިންތިހާބަށް ކެމްޕޭން ކުރަން ފަށާފައެވެ.
ނަމަވެސް މިއަދު އާއްމުވި ފޮޓޯއަކީ، ރައީސް ސޯލިހާއެކު މާޒް ސަލީމް ނަގާފައިވާ ފޮޓޯއެކެވެ. އެކަމާ ގުޅިގެން އުމަރު ވިދާޅުވީ، މާޒް ސަލީމް އެގޮތަށް ނިންމެވީ ކީއްވެކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެގޮތަށް ނިންމުމުގެ ކުރިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި ނުވާކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަޑުގެ ރަނިންގްމޭޓް އަހުމަދު ސަލީމް އެމް،ޑީ،ޕީ ކެންޑިޑޭޓް އަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުން އެއީ އެބޭފުޅާގެ އަމިއްލަފުޅު ނިންމެވުމެއް. އަޅުގަޑުކުރެން ލަފަޔަކަށް އެދުނު ނަމަ، ވަކިކޮޅަކަށް ނޭރުމަށް ލަފާ އެރުވީމު" އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ، އެކުގައި މަސައްކަތް ކުރެއްވި ކޮންމެބޭފުޅަކީވެސް އަމިއްލަ މިނިވަން ބޭފުޅުން ކަމަށާއި އެ ބޭފުޅުންނަށް އަމިއްލަ ނިންމުން ނިންމެވޭނެ ކަމަށެވެ. އަދި ބޭފުޅުން ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާއި ގާތްކަން އޮންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް