ރައްޔިތުންގެ މަޖިލީހުގައި މައްޗަންގޯޅި ދެކުނު ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ މެންބަރު އަހްމަދު ހައިތަމް އެމްޑީޕީއިން ވަކިވެވަޑައިގެންފިއެވެ.
އެމްޑީޕީއިން ވަކިވުމަށް އެ ޕާޓީގެ ޗެއާޕާސަނަށް އެޑްރެސްކުރައްވައި ހައިތަމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ އެ ޕާޓީއާއި ގުޅުނީ ގައުމަށް ހިދުމަތްކޮށް، ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިތައިވާ އެތަކެއް ހައްގުތަކެއް ހޯދައިދިނުމަށްޓަކައި ފެށި އިންސާފުގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
އެއަށްފަހު ހައިތަމް ވިދާޅުވެފައިވަނީ އެ ޕާޓީގައި ހޭދަކުރި މުއްދަތުގައި ވަފާތެރި ކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް އެތަކެއް މަސައްކަތެއް މަޖިލީހުގައިވެސް ކޮށްފައިވާނެކަމަށާއި އެގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައާއި ކޮވިޑުގައި ފެންމަތިވި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައާއި އެންޑީއޭ އިސްލާހު ކުރުމުގެ މައްސަލައިގެ އިތުރުން ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ އަދި ނިޔާވަމުންދާ މައްސަލަ ހިމެނޭ ކަމަށެވެ.
"މި މައްސަލަތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މުހިންމު ކަންތަކަކަށް ވީހިނދު، އަދި ވެރިކަންކުރާ މައި ޕާޓީކަމުގައި އެމްޑީޕީ ވީ ހިނދު، މިކަންކަމަށް ރަނގަޅު އަހައްމިއްޔަތުކަމެއް ދެވި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް ޕާޓީގެ ލީޑަޝިޕްގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުމެއް ލިބިފައިނުވާކަން ހިތާމައާއެކު ފާހަގަކުރަން" ހައިތަމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ހައިތަމް މިއަދު އެމްޑީޕީއިން ވަކިވެވަޑައިގެންފައިވާއިރު ޑރ. މުއިއްޒަށް ތާއީދުކޮށް ޕީޕީއެމް އަށް ސޮއިކުރަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް