އެމްޑީއޭއިން އެމްޑީޕީ ދޫކޮށް ޕީޕީއެމްއާ ގުޅުމަކީ ހުތުރު އަމަލެއް: ޝިފާޒް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލިއަންސް (އެމްޑީއޭ) އިން އެމްޑީޕީ ދޫކޮށް ޕީޕީއެމްއާ ގުޅުމަކީ ހުތުރު އަމަލެއް  ކަމަށް “ދަ ޑިމޮކްރެޓްސް” އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހަ...

28 Sep 2023 | 08:03

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލިއަންސް (އެމްޑީއޭ) އިން އެމްޑީޕީ ދޫކޮށް ޕީޕީއެމްއާ ގުޅުމަކީ ހުތުރު އަމަލެއް  ކަމަށް “ދަ ޑިމޮކްރެޓްސް” އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ޝިފާޒު ވިދާޅުވީ، އެމްޑީއޭގެ އެ ހުތުރު އަމަލަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުން ކުރަމުންއައި އިތުބާރަށް އަނެއްކާވެސް ލޮޅުން އަރުވާލި އަމަލެއް ކަމަށާއި އެއީ ސިޔާސީ ޕާޓީ އަކުން ކޮށްގެން ވާނެ ވަރުގެ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީއޭ އިން ރައީސް ސޯލިހަށް ކުރި ތާއީދު އަނބުރާ ގެނެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމުމާ ގުޅިގެން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.

އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްޑީއޭއިން ޕީޕިއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމާފައިވާކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

އެކަމަށްޓަކައި، ޕީޕީއެމް ކޯލިޝަންގެ ލީޑަރ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާދި ރިޔާސީ ކެނޑިޑޭޓް އަދި ރަނިންމޭޓްގެ ނަމުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ލީޑަރޝިޕް އަދި މެމްބަރުންނަށް މަރުހަބާ ކިޔާ ކަމަށް ޕީޕީއެމް ކޯލިޝަނުން ބުންޏެވެ.

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދު ކުރަން އެމްޑީއޭއިން ނިންމާފައިވަނީ އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ.

ޕާޓީގެ ރައީސް އަހްމަދު ޝިޔާމް މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ކައުންސިލްގެ 34 މެންބަރުން ބައިވެރިވިއިރު އެ ނިންމުން ނިންމާފައިވަނީ ކައުންސިލްގެ 33 މެންބަރުންގެ ސާފު އަގުލަބިއްޔަތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް