ރައްޔިތުންގެ މަޖިލީހަށް ހަ ދާއިރާ އިތުރު ކޮށް، ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އާއްމު ކުރުމަށްފަހު، އެ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ. .
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދެން އޮންނާނީ އަންނަ އަހަރުއެވެ.
މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައި ވާއިރު، އެ ރިޕޯޓުގައި ވާގޮތުން، އަންނަ ދައުރުގައި މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ ގޮނޑީގެ އަދަދަކީ 93އެވެ. މި ދައުރުގެ މަޖިލީހުގައިވާ ގޮނޑީގެ އަދަދަކީ 87އެވެ.
އަންނަ ދައުރަށް އިތުރުވާނެ ދާއިރާތަކަކީ:-
- ހުޅުމާލެ މެދު ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
- ހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ)
- ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށި، ގުޅި)
- ކޮލަމާފުށި ދާއިރާ (ގއ. ކޮލަމާފުށި އަދި ދެއްވަދޫ)
- ފޭދޫ އުތުރު ދާއިރާ (ސ. ފޭދޫ އަދި މަރަދޫފޭދޫ)
މި ބަދަލާއެކު، ބައެއް ދާއިރާތަކުގެ ނަމަށް ވެސް ވަނީ ބަދަލު އަހިސްފައެވެ. އެގޮތުން މީގެ ކުރިން ހުޅުމާލ ދާއިރާގެ ނަމުގައި އޮތް ދާއިރާ މިހާރު ވަނީ ހުޅުމާލޭ ދެކުނު ދާއިރާއަށް ބަދަލު ކޮށްފައެވެ. އަދި ފޭދޫ ދާއިރާގެ ނަން ބަދަލު ކޮށްފައި ވަނީ ފޭދޫ ދެކުނު ދާއިރާއަށެވެ.
އޭގެ އިތުރުން، ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް ބަދަލުކޮށް، ތ. ގުރައިދޫ ދާއިރާގެ ނަން ބަދަލު ކޮށްފައި ވަނީ ގުރައިދޫ ދާއިރާއަށެވެ.
އީސީން ބުނީ، މަޖިލީހުގެ އިންތިޚާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، މިއަދުން ފެށިގެން، އޮކްޓޫބަރު 19 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށް އީސީން މައުލޫމާތު ދެއެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް