އުތުރާއި ދެކުނަށް ގެންދާ ވޯޓު ކަރުދާސްތަކާއެކު ފުލުހުން ފުރައިފި

ރާއްޖޭގެ އުތުރާއި ދެކުނަށް ގެންދާ ވޯޓު ކަރުދާސްތަކާއެކު ފުލުހުން މިއަދު ހެނދުނު ފުރައިފިއެވެ. ފުލުހުން ބުނީ، އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކަރުދާސް ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށަކަށް ގެންދިއ...

28 Sep 2023 | 04:53

ރާއްޖޭގެ އުތުރާއި ދެކުނަށް ގެންދާ ވޯޓު ކަރުދާސްތަކާއެކު ފުލުހުން މިއަދު ހެނދުނު ފުރައިފިއެވެ.

ފުލުހުން ބުނީ، އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކަރުދާސް ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށަކަށް ގެންދިއުމަށް ޕޮލިސް 19 އަދި ޕޮލިސް 20 ލޯންޗް ފުރާފައި ވާކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ. ވޯޓުލާ ގަޑިއަކީ ހެނދުނު 8:00ން ހަވީރު 5:00 އަށެވެ.

މިބުރުގައި ވާދަ ކުރައްވާނީ ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ކުޑަތަން ވެފައި ވާއިރު، ވޯޓު ކަރުދާސް ސައްހަ ވާނެ ގޮތާއި ބާތިލް ވާނެ ގޮތް އިލެކްޝަންސް ކޮމިޝަނުން ވަނީ ކިޔައިދީފައެވެ.

އެގޮތުން އެ ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާއީލް ވިދާޅުވީ، ވޯޓު ސައްހަ ވާނީ ރިޔާސީ އިންތިހާބުގައި އިންތިހާބު ކުރަން ޖެހެނީ އެއް ކެނޑިޑޭޓޭއް ކަމަށެވެ.  އެހެންކަމުން އެއް ކެނޑިޑޭޓަކާ ދިމާލުގައިވާ ގޮޅީގައި ރަނގަޅު ފާގަހަ ޖަހާފައި ވާނަމަ އެ ވޯޓު ސައްހަ ވާނެ ކަމަށެވެ. އަދި އެއް ކެނޑިޑޭޓުގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގަ އަކީ ރަނގަޅު ފާހަގައެއް ކަމުގައި ދެނެގަނެވޭ ނަމަ އެ ވޯޓެއް ސައްހަ ވާނެ ކަމަށް ޝަހުލާ ވިދާޅުވިއެވެ.

އޭގެ އިތުރުން ވޯޓު ކަރުދާސް ސައްހަ ވާނީ:-

  • ފާހަގަ ޖެހުމުގައި ތަފާތު މިސްރާބަކަށް ޖަހާފައިވާ ނުވަތަ ޖެހުމުގެ ބައްޓަކަށް ތަފާތު ބަދަލެއް އަހިސްފައި ވީ ނަމަވެސް އެއް ކެނޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގަ އަކީ ރަނގަޅު ފާހަގައެއްގެ ވައްތަރެއް ކަމަށް ވެރިޔާއަށް ދެނެގަނެވޭ ނަމަ
  • ފާހަގަ ޖެހުމަށް ހާއްސް ކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް، އެއް ކެނޑިޑޭޓެއްގެ ނަމާ ދިމާގައި ނުވަތަ އެއް ކެނޑިޑޭޓެއްގެ ނިޝާނުގަ ރަނގަޅު ފާހަގަ ޖަހާފައި ވާނަމަ

ޝަހުލާ ވިދުވީ، ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށެވެ. ވޯޓުލާ މަރުކަޒުތަކުގައިވެސް ގަލަން ހުންނާނެ ކަމަށާއި ނަމަވެސް ބޭނުން ނަމަ އަމިއްލަ ގަލަމެއް ހިފައުގެން ގޮސްވެސް ވޯޓު ލެވޭނެ ކަމަށް ޝަހުލާ ވިދާޅުވިއެވެ.

ވޯޓު ކަރުދާސް ބާތިލް ވާނެ ހާލަތްތައްވެސް ޝަހުލާ ކިޔައިދެއްވިއެވެ. އެގޮތުން، އީސީން ތައްޔާރު ކޮށްފައިވާ ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓާއި ގާނޫނާ ހިލާފަށް ދީފައިވާ ވޯޓުވެސް ބާތިލު ވާނެ ކަމަށް ޝަހުލާ ވިދާޅުވިއެވެ.  އޭގެ އިތުރުން ވޯޓު ބާތިލު ވާނެ ހާލަތްތައް:-

  • އެއްވެސް ކެނޑިޑޭޓަކާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި ނެތުން
  • އެއް ކެނޑިޑޭޓަށްވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވުން
  • ވޯޓު ދީފައި ވަނީ ވަކި ކެނޑިޑޭޓަކަކަށް ކަން، ބަލާބެލުމުގައި ކަށަވަރު ނުވުން
  • އެއް ރަނގަޅު ފާހަގައިގެ އިތުރުން އެހެން ނިޝާނެއް، ކުރެހުމެއް އޮތުން
  • އެއް ކެނޑިޑޭޓެއްގެ ނަމާ ދިމާގައި އެއް ރަނގަޅު ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވުން
  • ކަޅު ނުވަތަ ނޫ ފިޔަވައި އެހެން ކުލައެއްގެ ގަލަމަކުން ފާހަގަ ޖަހާފައިވާ ވޯޓު

‏ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާއްމު ކޮށްފައި ވާއިރު، ދެވަނަ ބުރުގައި އަލަށް ވޯޓު ލެވޭ 409 މީހުން އެބަތިބި ކަމަށް އީސީން ބުެއެވެ. އެހެންކަމުން ދެވަނަ ބުރުގައި ވޯޓު ލެވޭ ޖުމުލަ އާބާދީއަކީ 282804 އެވެ. އެއީ 138394 އަންހެނުންނާއި 144410 ފިރިހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް