ބްރިޖާއި މަސްފެކްޓަރީތައް ވެސް އެޅިދާނެ ކަމަށާއި، ނަމަވެސް އެ މަޝްރޫޢުތަކަށް ވުރެ މިނިވަންކަން މާ މުހިންމު ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން އައްޑޫ ހުޅުދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ، މިއަދު މި ޤައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އަދި ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއްވެސް ނެތް ކަމަށެވެ.
ބޭރު ސިފައިން ރާއްޖޭގައި ތިބިކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވާކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެކި މަގާމު ތަކުގައި ތިބި މީހުން އެކި ދުވަހު އެކި ގޮތަށް އެވާހަކަ ދައްކަވާ ކަމަށެވެ. އެހެންކަމުން އެއްވެސް ކަމެއްގައި ދިވެހިންގެ ބާރެއް ނެތްކަން ފެންނަމުން ދާކަމަށް މުއިއްޒު ވިދާޅުވިއެވެ.
" އެހެންކަމުން ކޮންމެ ޕާޓީ އެއްގައި ހުއްޓަސް ޤައުމު އިސްކޮށްގެން ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަށް ވޯޓު ދެއްވަންޖެހޭ" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުއަށް އިތުބާރުކުރައްވައި އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނެ ކަމަށާއި، އެއަށްފަހު ޤައުމުގެ އިގްތިޞާދު މިނިވަންކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، މިއަދު މި ގައުުމުގެ ދަރަނިތައް މިއޮތީ ފުނިޖެހިފައި ކަމަށެވެ. އެގޮތުން މިހާރު ދަރަނީގެ ގޮތުގައި 114 ބިލިއަން ދިވެހި ރުފިޔާ އަރާފައި ވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކުންފުނިތަކުގެ ދަރަނި ލައިފިނަމަ 146 ބިލިއަން ދިވެހި ރުފިޔާ އަރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭގެ ދެބައި ކުޅަ އެއްބަޔަކީ ވަކި ޤައުމަކުން އެކަނި ނަގާފައިވާ ދަރަނި ކަމަށާއި އެއީ އަޅުވެތިވުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް