ރޮނާލްޑޯއަށް ފާޑު ކިޔާ ޕޯޗުގީޒުންނަށް ކާޓިއާ އަވޭރޯގެ ބަހުގެ ހަމަލާތަކެއް

ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑުކިޔާ ފަރާތްތަކަށް އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ކާޓިއާ އަވޭރޯ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ. ރޮނާލްޑޯގެ އެއްބަނޑު...

28 Sep 2022 | 15:07

ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑުކިޔާ ފަރާތްތަކަށް އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ކާޓިއާ އަވޭރޯ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ.

ރޮނާލްޑޯގެ އެއްބަނޑުއެއްބަފާ ދައްތަ ކާޓިއާ އަވޭރޯ އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ލިޔުމެއްގައި ޕޯޗުގީޒުންގެ ތެރެއިން ރޮނާލްޑޯއަށް ފާޑުކިޔާ ފަރާތްތަކަށް އަމާޒުކޮށް ބުނެފައިވަނީ ގައުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް މިހާތަނަށް ވެފައިވާ ގައުމަށް ފުޓްބޯޅައިން އެތަކެއް ރީތިނަމެއް ހޯދާދީފައިވާ ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑުކިޔާ ފަރާތްތަކުން ލަދުގަންނަށް ޖެހޭނެ ކަމަށާއި މިއަދު ރޮނާލްޑޯގެ ފަރާތުން ކުޑަކަމެއް ފެނުނަސް މަލާމާތްކޮށް އެއްޗެހިކިޔަނީ ހޯދާފައިވާ ކާމިޔާބީތައް ހަނދާން ނައްތާލާފައިވާ ދުސްމަނުންކަމަށެވެ.

ރޮނާލްޑޯ އަކީ މިއަދު މުޅި ޕޯޗުގަލް ފަޚުރުވެރިވާ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށާއި އަދިވެސް ރޮނާލްޑޯ ދަނީ ގައުމަށް ރީތި ނަންހޯދައި ދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެހެން ކަމުން އެފަދަ މީހަކަށް ފާޑު ކިޔާ ބާކީ ކުރަން ގޮވާލާ ޕޯޗުގީޒުން މިއަދު ލަދުގަންނަން ޖެހޭނެ ކަމަށާއި ރޮނާލްޑޯއަށް އެ ފާޑުކިޔާ ފަރާތްތަކަށް ގައުމަށް ހޯދައިދެވިފައި އޮތީ ކޯންޗެއްތޯ ވެސް ކާޓިއާ އަވެއިރޯ ވަނީ ސުވާލު އުފައްދާފައެވެ.

ކާޓިއާ އިތުރަށް ބުނެފައިވަނީ ޕޯޗުގީޒުން ނަކީ ޝުކުރުވެރިވާން ނޭންގޭ އަމިއްލަ އެދުން ބޮޑުބައެއްގެ ކަމަށެވެ. އަދި ގައުމަށް ރީތި ނަމާއި ފަޚުރު ހޯދައިދިން ފަރާތަކަށް ފާޑުކިޔުމަކީ އަނިޔާވެރިކަމެއް ކަމުގައިވެސް ކާޓިއާ އަވެރިއޯ ވަނީ ބުނެފައެވެ.

ނިމިގެން ދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދައްކާ ގޯލުތަކެއް ޖެހިނަމަވެސް މިފަހަރުގެ ސީޒަނަކީ ރޮނާލްޑޯއަށް ވަރަށް ނާކާމިޔާބު ސީޒަނަކަށް ވަނީ ވެފައެވެ. އައު ސީޒަން ފެށިގެން މިހާތަނަށް އައިއިރުވެސް މަދު މެޗަކުން ނޫނީ ފުރަތަމަ އެގާރައިން ވެސް ޖާގައެއް ނުލިބެއެވެ. އެހެން ކަމުން މިހާތަނަށް ކުޅުނު މެޗުތަކުގައި ވެސް ރޮނާލްޑޯއަށް ރަނގަޅު ކުޅުމެއް ނުދެއްކޭއިރު، އެންމެ ފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް ގެ ގައުމީޓީމަށް ވެސް ރޮނާލްޑޯގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބެއެވެ. ދެ މެޗު ކުޅުނު އިރުވެސް އެންމެ އެސިސްޓެއް ފިޔަވާ ރޮނާލްޑޯއަށް ކުރެވުނު ކަމެއް ނެތެވެ. އެހެން ކަމުން ޕޯޗުގަލްގެ ބައެއް މީޑިއާތަކުން ރޮނާލްޑޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ނަމަވެސް ޕޯޗުގަލްގެ ހެޑް ކޯޗް ފެނާންޑޯ ސަންޓޯސް ވަނީ ރޮނާލްޑޯގެ ދިފާއުގައި ވާހަކަދައްކާފައެވެ. ސަންޓޯސް ބުނީ ޕޯޗުގަލްގެ ނޫސްތަކުން ރޮނާލްޑޯ އެކަހެރިކުރަން ގޮވާލިނަމަވެސް އެކަން ނުކުރެވޭނޭ ކަމަށާއި ރޮނާލްޑޯގެ ފަރާތުން ޕޯޗުގަލް ޓީމަށް ގިނަ ފައިދާތަކެއް ކުރާކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު ދެމެޗުގައިވެސް ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި ރޮނާލްޑޯ ވަރަށް ރަނގަޅަށް އޭނާގެ ވާޖިބުތައް އަދާކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް