ފިލްމު “ޕޮންނިޔިން ސެލްވަން”ން އައިޝްވާރްޔާމެން ފަދަ ތަރިންނަށް ރެކޯޑު އަގުތަކެއް!

މިއަހަރު އިންޑިއާ ސިނަމާގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމަކީ ސައުތް އިންޑިއަން ފިލްމު "ޕޮންނިޔިން ސެލްވަން" އެވެ. މަޝްހޫރު ތަމަޅަ ޑައިރެކްޓަރު މަނީ ރަތްނަމް ޑައިރެކްޓު ކޮށްފައިވާ މި ފިލްމު...

28 Sep 2022 | 11:45

މިއަހަރު އިންޑިއާ ސިނަމާގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމަކީ ސައުތް އިންޑިއަން ފިލްމު "ޕޮންނިޔިން ސެލްވަން" އެވެ.

މަޝްހޫރު ތަމަޅަ ޑައިރެކްޓަރު މަނީ ރަތްނަމް ޑައިރެކްޓު ކޮށްފައިވާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ. މި ފިލްމަކީ 500 ކްރޯޑު އިންޑިއަން ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމަ އެގޮތަށް މި ފިލްމުން ފެނިގެންދާ އިންޑިއާގެ އެކި ބަސްތަކުން ފިލްމު ކުޅޭ ތަރިންގެ ފީ ހާމަވުމާއި އެކު ފިލްމަށް އާންމުން ކުރާ އިންތިޒާރު ކުރާ ވަރު ވަނީ އިތުރުވެފައި އެވެ.

ފިލްމުގައި ފެނިގެންދާ މަޝްހޫރު ތަރިންގެ ތެރޭގައި އައިޝްވާރްޔާ ރާއީ ބައްޗަން، ސައުތް އިންޑިއާގައި އެންމެ މަޝްހޫރު އެއް އެކްޓަރު ޗިއާން ވިކްރަމް އަދި ސައުތް އިންޑިއާގެ މަޝްހޫރު އެކްޓްރެސް ޓްރިޝާ ކްރިޝްނަން ހިމެނެ އެވެ. ފިލްމުން ފެންނާނެ ސައުތް އިންޑިއާގެ އެހެން މަޝްހޫރު ތަރިންގެ ތެރޭގައި ޖަޔަމް ރަވީ، ސޮބީތާ ދުލިޕަލާ، ޕްރަކާޝް ރާޖް އަދި އައިޝްވާރްޔާ ކަޝްމީގެ އިތުރުން ކާތީ އާއި ޕްރަބޫ ޕެރިއާ ހިމެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މީގެ ތެރެއިން އެންމެ އަގުބޮޑު ތަރިއަކީ ޗިއާން އެވެ. އޭނާ މި ފިލްމު ކުޅެދެނީ 12 ކްރޯޑު އިންޑިއަން ރުޕީސްއަށެވެ. އައިޝްވާރްޔާ ރާއީ ބައްޗަން މި ފިލްމު ކުޅެދީފައިވަނީ 10 ކްރޯޑު ރުޕީސް އަށެވެ. ދެން އެންމެ އަގު ބޮޑުކޮށް މި ފިލްމުގައި ފެނިގެންދާ ޖަޔަމްގެ އަގަކީ އަށް ކްރޯޑު ރުޕީސް އެވެ.

ކާތީ ފިލްމު ކުޅެދީފައިވަނީ ފަސް ކްރޯޑު ރުޕީސް އަށެވެ. ޕްރަބޫ އާއި އައިޝްވާރްޔާ ލަކްޝްމީ "ޕޮންނިޔިން ސެލްވަން" ކުޅެދީފައިވަނީ 1.5 ކްރޯޑު ރުޕީސް އަށެވެ. މީގެ އިތުރުން ސޮބިތާ އާއި ޕްރަކާޝް އެއް ކްރޯޑު ރުޕީސްއަށް ފިލްމު ކުޅެދިން އިރު ޓްރިޝާ މި ފިލްމުގައި ބައިވެރިވީ 2.5 ކްރޯޑު ރުޕީސްގެ އަގަކަށެވެ.

މި ފިލްމު އިންޑިއާގެ ފަސް ބަހަކުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ ހިންދީ، ޓަމިލް، ކަންނާޑާ، ޓެލެގޫ އަދި މަލިޔާލަމް ބަހުންނެވެ.

ފިލްމުގެ ޓިކެޓު މިހާރު ވިއްކަން ފަށާފައިވާއިރު މި ފިލްމު ހިޓުވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑެވެ. އެއީ މިހާރުވެސް ފިލްމު 2.5 ލައްކަ ޓިކެޓު ވިކިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް