ކޮންމެ އަތޮޅެއްގައި 11،12 ކިޔަވައިދެވޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުން: މިނިސްޓަރު

ކޮންމެ އަތޮޅެއްގައި ގްރޭޑް 11 އަދި 12 އަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހު...

28 Sep 2022 | 07:55

ކޮންމެ އަތޮޅެއްގައި ގްރޭޑް 11 އަދި 12 އަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގެ ކޮންމެ ރަށެއްގައި އޭލެވަލްއަށް ކިޔަވައި ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުތައް ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ދެ ގްރޭޑަށް ކިޔަވައި ދިނުމަށް ރަނގަޅު ލެބޯޓްރީއެއް ކޮންމެ ސްކޫލެއްގައި ގާއިމުކުރަންޖެހޭ ކަމަށާއި ރަނގަޅު މުދައްރިސުން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.

ކުދިކުދި އާބާދީތަކުގައި އެހުރިހާ ވަސީލަތްތައް ގާއިމް ކުރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ 11 އަދި 12 އަށް އަތޮޅު ތެރޭގައި ތިބެގެން ކިޔެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ސްކޫލްގައި އެ ދެ ގްރޭޑަށް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. މިހާރު އަތޮޅު ތެރޭގައި އޭލެވެލްއަށް ކިޔަވައިދެނީ މަދު ސްކޫލްތަކެއްގައި އެވެ.

އޯލެވެލްގައި ދަރިވަރުން ހޯދާ ނަތީޖާތަކަށް ވަރަށް ބޮޑު ކުރިއެރުން އައިސްފައިވާއިރު އޭލެވެލް ކިޔަވަން ޖާގަ ނުލިބޭ މައްސަލަ، ހާއްސަކޮށް މާލެ ސަރަހައްދުގައި ވަރަށް ބޮޑެވެ. މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ހަދަމުންދާ ސީއެޗްއެސްސީގެ އާ އިމާރާތް އަންނަ އަހަރުގެ ދިރާސީ އާ އަހަރާއި އެކު ހުޅުވުމުން އެ ސްކޫލްގެ ދެގުނަ ޖާގަ އިތުރުވެގެން ދާނެ ކަމަށެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފީ ދައްކައި ދިނުމުގެ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް