ސްޓެލްކޯ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފި އެވެ.
އެތަނުގައި އިމާރާތް ކޮށްފައިވަނީ އެއް ކޮޓަރި އާއި ދެކޮޓަރީގެ360 އެޕާޓްމެންޓެވެ.
ސްޓެލްކޯއިން ބުނީ އޭގެ ތެރެއިން އެއް ކޮޓަރީގެ ނުވިކި ހުރި17 އެޕާޓްމެންޓުގެ ގުރުއަތު ނަގާފައިވާ ކަމަށެވެ. އެ ކެޓަގަރީއަށް ޝަރުތު ހަމަވާ75 މުވައްޒަފުން ތިބި ކަމަށް މައުލޫމާތުދެ އެވެ.
ދެކޮޓަރީ އާއި މެއިޑް ރޫމުގެ ނުވިކި ހުރި16 އެޕާޓްމެންޓުގެ ގުރުވެސް ނަގާފައިވެ އެވެ. އެތަންތަނަށް ޝަރުތު ހަމަވާ235 މުވައްޒަފުން ތިއްބެވެ.
ސްޓެލްކޯއިން ބުނީ ރޭ ގުރުއަތުލުން ބޭއްވީ ޝަރުތު ހަމަވާ މުވައްޒަފުންގެ ލިސްޓެއް ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވުމަށް ފަހު ކަމަށެވެ. ރޭގގެ ހަފްލާގައި ޝަރުތު ހަމަވާ ހުރިހާ މުވައްޒަފުންނަށް ގުރު ނެގުމުގެ ފުރުސަތު ދެވިފައިވާނެ ކަމަށާއި ހާޒިރު ނުވެވުނު މުވައްޒަފުންނަށް އެހެން މުވައްޒަފުން ގުރު ނަގައިދީފައިވާ ކަމަށެވެ.
މި ހަފްލާގައި ވަނީ ގުރު ނެގުމުގެ އިތުރުން އެ މުވައްޒަފުންނަށް ލިބުނު ޔުނިޓުވެސް ގުރު ނަގާފަ އެވެ. އަދި ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ނަގާފައިވެ އެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ރެއަކީ އެއްބަޔަކަށް އުފާވެރި ރެއެއްކަމަށާއި، އަނެއްބަޔަކަށް އުފާވެރިނުވިނަމަވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ރެއެއްކަމަށެވެ. އަދި އެ ހިތްހަމަ ޖެހުން ލިބެނީ ދެފުއްފެންނަ، އެއްވެސް އޮޅުވާލުމެއްނެތި އެންމެންގެ ކުރިމަތީގައި ގުރުއަތު ނެގިގެންދާތީކަން މެނޭޖިންގ ޑިރެކްޓަރ ވަނީ ފާހަގަ ކުރައްވާފައި އެވެ.
ސްޓެލްކޯގެ "ބްލޫ ރިޖް"ގައި ހުންނަނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް