މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑް ޖޯޑު ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދިރިއުޅުމުގައި ސަޕޯޓަރުން އެނގެން ބޭނުންވާ ވަރަށް ގިނަ ކަންކަން ހިނގައެވެ.
ކައިވެންޏަށް ފަހު އެ ދެމީހުން ދިން އެންމެ އުފާވެރި ހަބަރަކީ އަލަތު ދަރިފުޅު ލިބެން އުޅޭ ވާހަކަ އެވެ. އާލިއާ ވިހާނެ ކަމަށް ލަފާ ކުރަނީ ޑިސެމްބަރު މަހު ފަހުކޮޅު އެވެ.
ދެމަފިރިން އެކުގައި ކުޅުނު ފިލްމު "ބްރަހަމަސްތްރާ" ގެ ކާމިޔާބީ ފާހަގަ ކޮށް ދިން އިންޓަވިއުއެއްގައި ރަންބީރު ވަނީ ދެމީހުންގެ ވެސް ތަފާތު އާދަތައް ހުންނަ ކަމަށް ބުނެފަ އެވެ. އެގޮތުން އާލިއާ އަކީ ވަރަށް އުނދަގޫ ވާގޮތަށް ނިދާ މީހެއް ކަމަށް ބުންޏެވެ.
ދެމީހުންގެ ކޮޓަރީގައި ކުރިން ހުރި އެނދު ބަދަލު ކުރަން ޖެހުނީ އެ ކަމާއި ހެދި ކަން ފާހަގަކޮށް ރަންބީރު ބުނީ އާލިއާ ނިދާފަ އޮވެގެން ފުރޮޅޭވަރުން އޭނާ އޮންނަން ޖެހެނީ އެނދުގެ ކަނެއްގައި ކަމަށެވެ. އަދި ނިދީގައި އާލިއާގެ ފަޔާއި އަތް އުކާވަރުން ހަމަޖެހިގެން ނުނިދޭ ކަމަށެވެ.
އެކަމަކު އެކަންކަން އޭނާ ތަހައްމަލްކޮށް ގަބޫލް ކުރަން ދަސްކޮށްފި ކަމަށް ބުންޏެވެ.
މީގެ ކުރިން އާލިއާވެސް ވަނީ ރަންބީރުގެ ގައިގަ ހުންނަ އޭނާ ހިތްހަމަ ނުޖެހޭ ސިފައެއްގެ ވާހަކަ ބުނެފަ އެވެ. އާލިއާ ބުނީ ރަންބީރަކީ އާދަޔާ ހިލާފަށް އަޑުމަޑުކޮށް އުޅެ، އެކަނި ވަގުތު ހޭދަ ކުރަން ބޭނުންވާ މީހެއް ކަމަށެވެ.
ހަމަ އެގޮތަށް ރަންބީރަކީ ދައްކާ ވާހަކަ ކަނުލައި އަހަން އިންނަ މީހެއް ކަމަށާއި އެކަމަކު އުނދަގޫ ވާކަމަކީ ހިމޭން ވަގުތުތަކުގައި އޭނާއި ވާހަކަ އާއި ކުރާ ސުވާލުގެ ޖަވާބު އެތައް ފަހަރަކު އަހާއިރުވެސް އަޑު ނީވުމާއި ޖަވާބު ނުދިނުން ކަމަށެވެ.
އާލިއާވެސް ބުނީ އެކަންކަން އޭނާ ތަހައްމަލްކޮށް، އެއީ ރަންބީރުގެ މިޒާޖުކަމަށް ބަލައި އުޅެން ދަސްކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް