ކުޑަކުދިންނަށް ހާއްސަ އިންސްޓަގްރާމް އެޕް ހެދުމުގެ މަސައްކަތް މެދުކަނޑާލަން ޖެހިއްޖެ

ފޭސްބުކުން ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރު ކުރަމުންދާ އިންސްޓަގްރާމް ކިޑްޑްސް އެޕްލިކޭޝަންގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. އެ މަސައްކަތް މަޑުޖައްސާލަން ޖެހުނީ އެމެރިކާގައި ކުޑަކުދިންގ...

28 Sep 2021 | 14:55

ފޭސްބުކުން ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރު ކުރަމުންދާ އިންސްޓަގްރާމް ކިޑްޑްސް އެޕްލިކޭޝަންގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެ މަސައްކަތް މަޑުޖައްސާލަން ޖެހުނީ އެމެރިކާގައި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކަކާއި ގާނޫނީ ވަކީލުންތަކެއް ގުޅިގެން ފޭސްބުކާއި ދެކޮޅަށް ކުރަމުންދާ ކެމްޕެއިނަކާއި ގުޅިގެން ނެވެ. އެމީހުން ބުނެފައިވަނީ ފޭސްބުކުން އިންސްޓަގްރާމް ކިޑްސް ހެދުމުގެ މަސައްކަތް އެއްކޮށް ހުއްޓާނުލަނީސް އެމީހުންގެ ކެމްޕެއިން ހުއްޓާނުލާނެ ކަމަށެވެ.

އިންސްޓަގްރާމް ކިޑްސް އެޕް ހެދުމާއި ދެކޮޅަށް އެމީހުން މަސައްކަތް ކުރަނީ ކުޑަކުދިންނަށް އެފަދަ އެޕަކުން ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭނެ ކަމަށްބުނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް އެފަދަ އެޕްތައް ހަދައި ބޭނުން ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ބުނެ އެވެ.

މި މައްސަލައިގަ އެކަން ހުއްޓާލިކަން ފޭސްބުކުން އިއުލާނު ކުރީ އިއްޔެ އެވެ. އަދި ބުނެފައިވަނީ އެ މަސައްކަތް ހުއްޓާލި ނަމަވެސް ކުޑަކުދިން އިންސްޓަގްރާމާއި ފޭސް ބުކް ފަދަ ސޯޝަލް މީޑިއާ ނެޓްވޯކްތައް ބޭނުން ނުކުރާނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށާއި މިހާރުވެސް ކުޑަކުދިން އެކަން ކުރާ ކަމަށެވެ.

އެހެން ކަމުން އެންމެ ރައްކާތެރި ގޮތަކީ ކުޑަކުދިންނަށް ހާއްސަ އެޕެއް ތައްޔާރުކޮށް ބޭނުން ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

ފޭސްބުކުން ބުނީ އެމީހުން ތައްޔާރު ކުރަމުންދިޔަ އިންސްޓަގްރާމް ކިޑްސް އެޕުގައި ކުދިންނަށް ރެޖިސްޓްރީވެވޭނީ ބެލެނިވެރިއެއްގެ އެހީތެރިކަމާއި އެކު ކަމަށެވެ. އަދި ކުޑަކުދިންނާއި ނުގުޅޭ ފޮޓޯ، ވީޑިއޯ އަދި މައުލޫމާތާއި ކަންކަން ނުހުންނާނެ ކަމަށް ބުނެ އެވެ. މީގެ އިތުރުން ވިޔަފާރިއާ އިޝްތިހާރާއި ގުޅޭ އެއްވެސް ކަމެއްވެސް އެ އެޕްގައި ނުހުންނާނެ ކަމަށް ބުނެ އެވެ.

ވަގުތީ ގޮތުން އެޕް ހެދުމުގެ މަސައްކަތް ހުއްޓާލިކަން ފޭސްބުކުން އިއުލާނު ކުރިޔަސް އެއްކޮށް ހުއްޓާލާނެ ކަމަށް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް