މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމުން އެޕާޓީގެ އާންމު ޖަލްސާ އަންނަމަހު ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ ދީފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގަ އެވެ.
އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް ދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮޔާއެކު، އެމްއެންޕީ އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީި މިމަހުގެ 15 ވަނަ ދުވަހު އެވެ.
ގާނޫނުއަސާސީގެ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި ހުށަހަޅާތާ 6 މަސްދުވަހުގެ މުއްދަތުގައި ޕާޓީ ހިންގުމާ ބެހޭ އަސާސީ ގަވާއިދާއި މެނިފެސްޓޯއާ ބެހޭ ނިންމުންތައް ނިންމުމަށް މަދުވެގެން ޕާޓީގެ 300 މެމްބަރުންނާއެކު ބައްދަލުވުމެއް ބާއްވަން ވާނެކަމަށް ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީއެއް ރަޖިސްޓްރީ ކުރަނީ އެ ޕާޓީއެއްގެ ބައްދަލުވުމާ ބެހޭ ތަފްސީލު ހިއްސާކުރުމަށް ފަހު، އެ މައުލޫމާތަށް ބެލުމަށް ފަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން، އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް ހުއްދަ ދިނުމުން ބާއްވަންޖެހޭ ޖަލްސާ އަންނަ އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ.
މި ޖަލްސާއާ ބެހޭގޮތުން އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ނިންމެވީ ވީހާވެސް އަވަހަކަށް ޕާޓީ އުފައްދައި އެ ޕާޓީގެ ހަރަކާތްތައް ފެށުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީ ރެޖިސްޓްރީ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި 300 މީހުން ބައިވެރި ކުރަން ޖެހޭ އިރު، އެމްއެންޕީ އިން ބާއްވާ ޖަލްސާގައި މަދުވެގެން ރާއްޖޭގެ ކޮންމެ ރަށަކުން މީހަކު ތަމްސީލުވާ ގޮތަށް ހަމަޖައްސަމުންދާ ކަމަށް ވެސް ރިޔާޒު ވި އެވެ.
"ޖަލްސާ ކުރިއަށް ގެންދާނީ ދެ ދަންފަޅިއަކަށް. މެންދުރު 2:00 އިން 6:00 އަށް އެއް ދަންފަޅި އަދި ރޭގަނޑު 9:00 ފެށިގެން ޖަލްސާގެ އެޖްޑާގައިވާ ކަންތައްތައް ނިމެންދެން ދެވަނަ ދަންފަޅި. އާއްމު އުސޫލުން އެ ޖަލްސާގައި އޮންނާނީ ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރުމާއި ޕާޓީގެ އެގްޒެކެޓިވް ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުން." ރިޔާޒު ވިދާޅުވި އެވެ.
ކައުންސިލުގައި ހިމެނޭ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދުން ފެށިގެން އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ 2:00 އާ ހަމައަށް ހުޅުވާލެވިފައިވާ އިރު، 30 މެންބަރުން ހިމެނޭ އެ ކައުންސިލް އެކުލެވިގެން ވަނީ ޕާޓީގެ ރައީސާއި އަންހެން ނައިބު ރައީސަކަށް ޚާއްސަ ގޮނޑިއެއް ހިމެނޭގޮތަށް ހަ ނައިބު ރައީސުން ނެވެ.
މީގެ އިތުރުން އަންހެނުންގެ ގޮފީގެ ރައީސާ އާއި ޒުވާނުންގެ ގޮޕީގެ ރައީސް އަދި އަންހެނުންނަށް ޚާއްސަ ހަތް ގޮނޑި އާއި ފިރިހެނުންނަށް 14 ގޮނޑިއާ އެކު އިތުރު 21 މެންބަރުން ކައުންސިލްގައި ހިމެނޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްއެންޕީން ބުނީ އެ ޕާޓީން މި އަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުމަކީ އަމާޒެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް