އިއުލާނު ކުރުމެއްނެތި ސޮފްޓްވެއާއެއް ޑެވެލޮޕްކުރަން މީހަކާ ހަވާލުކުރި މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި، ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިފާއުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.
އޭސީސީން ބުނެފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގައި ބޭނުންކުރަމުންދާ "ވެށިފާރަ" ސޮފްޓްވެއަރ އަކީ އިޢުލާނު ކުރުމެއް ނެތި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބޭނުންވާ ލޯކަލް ސޮފްޓްވެއަރ ޑިވެލޮޕަރއަކާ ޙަވާލުކޮށްގެން 1,000,000 (އެއްމިލިއަން ރުފިޔާ) އަށް ޙަވާލުކޮށްގެން ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއަރއެއް ކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށްނިންމައި، އެ މައްސަލާގައި ދަޢުވާކޮށްކޮށް ދިނުމަށް އެދި މިއަދު (28 ސެޕްޓެންބަރު 2021) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވާފައިވަކަމަށެވެ.
"މި މައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝިފާޢު (ހުވަދޫގެ / ގދ.ތިނަދޫ) ގެ މައްޗަށެވެ. އަދި އެފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ." އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމެއް (ވެށިފާރަ ސޮފްޓްވެއަރ) ހޯދުމުގެ މަސައްކަތް ވެމްކޯއިން ޙަވާލުކޮށްފައިވަނީ އިޢުލާން ނުކޮށް، އިމަޖެންސީ މަސައްކަތެއްގެ ގޮތުގައި ނޮނި ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާކަން ފާހަގަކުރެވޭކަމަށާއި ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރިއިރު، ވެމްކޯ ހިންގުމާ ހަވާލުވެހުރީ މުޙައްމަދު ޝިފާޢު ކަމާއި އަދި ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ މުޙައްމަދު ޝިފާޢުގެ ބެލުމުގެ ދަށުންކަން ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ކަމަށާއި މީގެއިތުރުން، ނޮނި ސޮލިއުޝަންގެ އޯނަރ އާއި މުޙައްމަދު ޝިފާޢު އާ ގާތް ގުޅުން އޮންނަކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.
"ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަމަށް ވީނަމަވެސް، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުޞޫލާ ޚިލާފަށް އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ޚިލާފަށްކަން ފާހަގަކުރެވެއެވެ. އެގޮތުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް އިމަޖެންސީ ރިކުއެސްޓުހަދައި ނޮނި ސޮލިއުޝަންއާ މަސައްކަތް ހަވާލުކޮށްފައިވާއިރު، ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީގެ 8ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދައިން އިމަޖެންސީ ހާލަތު ސާފުކޮށް ބަޔާންކޮށްފައި ނުވެއެވެ. އަދި އެ ރިކުއެސްޓްތައް ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓާއި، ކުންފުނީގެ ބޯޑަށް ހުށަހަޅާފައި ނުވެއެވެ." އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނެފައިވަނީ ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށް 11 ޖޫން 2017 ގައި ވެމްކޯއިން ނޮނި ސޮލިއުޝަންއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހުން، ވެމްކޯގެ ޕްރޮކިއުމަންޓް އުޞޫލާ ޚިލާފަށް، އިޢުލާނުކުރުމެއްނެތި ނޮނި ސޮލިއުޝަނުން ވެމްކޯއަށް މުދާ/ޚިދުމަތް ހޯދާފައިވާކަން ފާހަގަކުރެވޭއިރު، އެ މުދާ/ޚިދުމަތަކީ އާންމުކޮށް އިއުލާންކޮށްގެން އެފަދަ މުދާ/ހިދުމަތް ފޯރުކޮށްދޭ ކޮންމެ ބައެއްގެ އަތުންވެސް ހޯދޭނެ މުދާ/ހިދުމަތް ކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށާއި ހަމައެހެންމެ، ވެށިފާރަ ސޮފްޓްވެއަރ އަށް ގެނެސްފައިވާ އިސްލާހުތަކާއި، އޭގެ ފަހުން ވެމްކޯއަށް މުދާ/ހިދުމަތް ހޯދުމަށް ނޮނި ސޮލިއުޝަންއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ކަމަށެެވެ. އޭގެއިތުރުން، ވެށިފާރަ ސޮފްޓްވެއަރ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނަރގެ އެކައުންޓުން މުޙައްމަދު ޝިފާޢުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން ތަޙްޤީޤުން އެނގޭކަމަށްވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެހެންކަމުން، މި މައްސަލައިގައި ވެމްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އަދި މުޙައްމަދު ޝިފާޢުއާ ނޮނި ސޮލިއުޝަންގެ އޯނަރއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ނޮނި ސޮލިއުޝަންގެ އޯނަރއަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަމާއި، އަދި މި މައްސަލައިގައި މުޙައްމަދު ޝިފާޢު ނާޖާއިޒު ފައިދާ ހޯދާފައިވާކަން ތަޙްޤީޤަށް ސާބިތުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް