ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރާ މާއްދާއަށް އިސްލާހު ގެންނާނަން: އޭޖީ

ހެއްކާ ބެހޭ ބިލުގައި ހިމެނޭ ނޫސްވެރިން ބޭނުންކުރާ މަސްދަރު ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އިޞްލާހު ކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. އެ އޮފީހުން ނެރުނު ...

28 Sep 2021 | 13:24

ހެއްކާ ބެހޭ ބިލުގައި ހިމެނޭ ނޫސްވެރިން ބޭނުންކުރާ މަސްދަރު ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އިޞްލާހު ކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، ނޫސްވެރިންނާއެކު ކުރެވޭ މުޢާމަލާތައް ލިބިދޭ އިމްތިޔާޒުގެ ދާއިރާ ކަނޑައަޅާފައިވާނެ ކަމަށެވެ. އެ މާއްދާގައި މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑު ކަމަށް ޝަރީއަތަށް ބުރަވެވޭ ހާލަތްތަކެއްގައި އެ މަސްދަރު ހަަމަ ކުރުމަށް ލާޒިމު ކުރެވޭ އުސޫލެއް ކަނޑައަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އޭޖީ އޮފީހުން ބުނީ އެ މާއްދާ ހިމެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، އެ މިނިވަންކން ހިފެހެއްޓުން ހުއްދަ ހާލަތްތައްކަމުގައި ޤާނޫޫނޫ އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އެފަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ވެއެވެ.

ބަޔާނުގައި ބުނީ އެ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއްހޯދައި ދިނުމަށްޓަކައި އެބިލުގެ މާއްްދާތައް މުރާޖަޢާކޮށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ބިލުކޮމިޓީ މަރުޙަލާގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް