އެމްއޭސީއެލް މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައިފި އެވެ. އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މުސާރަ ބޮޑު ކުރާނީ އަންނަ މަހުން ފެށ...

28 Sep 2021 | 12:57

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައިފި އެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މުސާރަ ބޮޑު ކުރާނީ އަންނަ މަހުން ފެށިގެން ކަމަށެވެ. މުސާރަ އަށް ގެންނަ މި ބަދަލަކީ ކޯވިޑް-19ގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނީ ފަސް ޕަސެންޓުން ފެށިގެން 20 ޕަސެންޓާ ހަމައަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ދަށް މުސާރަ ލިބޭ މީހުންގެ މުސާރަ އަށް 20 ޕަސެންޓް އިތުރުކޮށްދޭން ނިންމާފައިވާއިރު ބޮޑެތި މުސާރަތައް ލިބޭ މީހުންނަށް އިތުރުކޮށްދޭނީ ފަސް ޕަސެންޓް ކަމަށް އެ ކުންފުނިން ބުންޏެވެ.

މުސާރަ ތަކަށް ބަދަލު ގެނައި ނަމަވެސް އޭގެ ތެރޭގައި ސީނިއާ މަގާމުތަކުގައި ތިބޭ ބޭރުގެ މުވައްޒަފުން ނުހިމެނޭނެ ކަމަށް އެތަނުން ބުންޏެވެ.

އެމްއޭސީއެލްއިން ބުނީ މިފަދަ ބަދަލަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން މުވައްޒަފުންގެ މުސާރަ ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުސާރަ ބޮޑު އެއް ކުންފުންޏެވެ. ޖީއެމްއާރު އެއާޕޯޓު ހިންގިއިރު މުވައްޒަފުންގެ މުސާރައިގެ އެއްބައި ޑޮލަރުން ދޭ ގޮތަށް ނިންމާފައި އޮތް އޮތުމާއި އެއްގޮތަށް އަދިވެސް އަމަލު ކުރެ އެވެ.

މީގެ އިތުރުން ގިނަ އެލަވަންސްތަކެއް މުސާރައިގެ އިތުރުން ދޭއިރު ހެލްތު އިންޝުއަރެންސާއި ހިލޭ ދަތުރުފަތުރާއި ހިލޭ ޕާކިން އާއި ސްޓާފް ލޯން ސްކީމާއި ސްޓާފް ޗިލްޑްރެން ލޯން ސްކީމާއި ސްޓާފް ޑެވެލޮޕްމަންޓް ސްކީމް ފަދަ ސްކީމްތައްވެސް މުވައްޒަފުންނަށް ލިބޭނެ ގޮތް ހަމަޖެހިފައި އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް