އިންޑިއާގައި ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު ހަ މަސް ފަހުން ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.
އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެ ގައުމުގެ އެކި ސަރަހައްދުތަކުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 18،795 މީހުންނެވެ. އެއީ އޭގެ ކުރީ ދުވަހާއި އަޅާ ބަލާއިރު 27 ޕަސެންޓު ދަށް އަދަދެކެވެ.
އިއްޔެ އެންމެ ގިނަ ކޭސް ރޭކޯޑު ކުރެވިފައިވަނީ ކެރެލާ ސްޓޭޓުންނެވެ. އެ ސްޓޭޓޫން 11،699 މީހުންނަށް ކޯޑިވް ޖެހުނު އިރު މައިޒޯރަމްއިން 1،846، ޓަމިލް ނާޑޫއިން ރިޕޯޓުކޮށްފައިވަނީ 1،657 ކޯވިޑް ކޭސް އެވެ. އަންދްރަޕްރަދޭޝްއިން 618 މީހުން ކޯވިޑަށް ޕޮސިޓިވްވި އިރު އިއްޔެ ކަރްނާޓަކާ ސްޓޭޓުން ކޯވިޑް ޖެހިގެން ރެކޯޑު ކުރެވިފައިވަނީ 504 މީހުންނެވެ.
އިންޑިއާގައި ކޯވިޑް ޖެހޭ މީހުން ރަނގަޅުވުމުގެ ރޭޓް މިހާރު އުޅެނީ 98 ޕަސެންޓުގައި އެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި ބަލީގައި މަރުވެފައިވަނީ އެންމެ 179 މީހުންނެވެ.
އިންޑިއާ ސަރުކާރުން މިހެން ހާމަ ކުރިނަމަވެސް ސިއްހީ ތަޖުރިބާކާރުން އަބަދުވެސް ބުނަނީ އިންޑިއާގައި ޕޮސިޓިވްވި ކަމަށް ސަރުކާރުން ހާމަކުރާ އަދަދަށްވުރެ އެތައް ގުނައެއް ގިނަ މީހުން އެގައުމުން ކޮންމެ ދުވަހަކު ޕޮސިޓިވްވަމުންދާ ކަމަށެވެ.
ހާއްސަކޮށް ފަގީރު އަވަށްތަކުގައި ކޯވިޑް ފެތުރުން އިތުރު ކަމަށެވެ. އެކަމަކު އެ މައުލޫމާތު ސަރުކާރުގެ ތަފާސް ހިސާބުގައި ނުހިމަނާ ކަމަށް ތުހުމަތު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް