މިވަގުތު ފީފާ ރޭންކިންގެ 189 ވަނާގައި އޮތް ބަނގްލަދޭޝް އަކީ ވެސް ސާފް ސަރަހައްދުގެ ފުޓްބޯޅައިގައި މާ ފުންނާބު އުސް ގައުމެއް ނޫނެވެ. ނަމަވެސް ބްނގްލަދޭޝް އަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކޮންމެވެސް ވަރެއްގެ ތާރީޚެއް އޮތް ގައުމެކެވެ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ އެގާރަ މުބާރާތެއްގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ނެރެފައިވާ ނަތީޖާތައް ވެސް މާ ގޯހެކޭ ބުނެވޭކަމަށް ނެތެވެ.
1993 ވަނަ އަހަރު ފެށިގެން މިހާތަނަށް ކުޅެވުނު ބާރަ މުބާރާތުގެ ތެރެއިން އެގާރަ މުބާރާތުގައި ބަނގްލަދޭޝް ވާދަކޮށްފައިވާއިރު، އެގައުމުން ވަނީ މި މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައެވެ. ބަނގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރެކޯޑުތަކަށް ބަލާލާއިރު، އެގައުމުން އެންމެ ފުރަތަމަ މި މުބާރާތުގައި ވާދަކުރީ 1995 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ސެމީއަށް ބަނގްލަދޭޝް ދަތުރު ކުރިއެވެ. އޭގެ ފަހުން 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. ފައިނަލުގައި އެގައުމު ބަލިވީ އިންޑިއާއާއި ވާދަކޮށެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތް ބޭއްވުނީ ބަނގްލަދޭޝްގައެވެ. 2003 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މި މުބާރާތުގެ ޗެމްޕިއަކަން ބަނގްލަދޭޝް އިން ވަނީ ހޯދާފައެވެ. މި މުބާރާތުގެ ތަށި އިންޑިއާއިން ނެގީ ފައިނަލުގައި ރާށްޖެ ބަލިކޮށެވެ. މިއީ މި މުބާރާތުގައި ބަނގްލަދޭޝްއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
2005 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު މުބާރާތުގައި ވެސް ގަނގްލަދޭޝް އެއްކޮޅުން ފައިނަލް ކުޅެފައިވެއެވެ. މި ފައިނަލުންވެސް އެގައުމު ބަލިވީ އިންޑިއާ އަތުންނެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގެ ސެމީފައިނަލަށް ބަނގްލަދޭޝް ވަނީ ދަތުރުކޮށްފައެވެ. 2009 ވަނަ އަހަރުގެ ފަހުން މިހާތަނަށް ބޭއްވުނު ހަތަރު މުބާރާތުގައި ބަނގްލަދޭޝްއަށް މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެއެވެ.
ކޯޗު
ބަނގްލަދޭޝްގެ ގައުމީޓީމުގެ ކޯޗެއްގެ ގޮތުން އިރުޝާދު ދެމުން އަންނަނީ ސްޕެއިންގެ ރައްޔިތެއް ކަމުގައިވާ އޮސްކާ ބްރުޒޮންއެވެ. އޮސްކާ އަކީ ކޯޗިން ކެރިއަރުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއްވެސް ހޯދާފައިވާ ފަރާތެކެވެ. ސްޕެއިންގެ ދެވަނަ ޑިވިސަންގެ ކުލަބުތަކަށް ކުޅެ ތަޖުރިބާ ލިބިފައިވާ އޮސްކާ ވަނީ މީގެ ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ކޯޗު ކޮށްދީފައެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޕްރިމިއާ ލީގާއި، އެ އަހަރުގެ އެފްއޭކަޕް އަދި އޭރު ކުޅުނު ޕްރެޒިޑެންޓް ކަޕްވެސް ނިއުރޭޑިއަންޓަށް ކާމިޔާބު ކޮށްދީފައިވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ މޯލްޑިވިއަން އެފްއޭ ޗެރިޓީ ޝީލްޑްވެސް ނިއުރޭޑިއަންޓަށް ކާމިޔާބު ކޮށްދީފައިވެއެވެ. މި ކާމިޔާބީތަކާއި ގުޅިގެން އޮސްކާއަށް ވަނީއެ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑްވެސް ލިބިފައެވެ.
މީގެ އިތުރުން އިންޑިއާގެ ޕްރޮފެޝަނަލް ލީގުގެ ކުލަބެއް ކަމުގައިވާ ސްޕޯޓިމް ގޯއާއަށް ކޯޗު ކޮށްދީ އެ ކުލަބަށް 2014 ވަނަ އަހަރު ޕްރޮފެޝަނަލް ލީގު ކާމިޔާބު ކޮށްދީފައިވެއެވެ. މީގެ އިތުރުން އެންމެ ފަހުން ކޯޗެއްގެ ގޮތުގައި އިރުޝާދު ދިން ބަނގްލަދޭޝްގެ ކުލަބެއް ކަމުގައިވާ ބަޝުންދަރާ ކިންގްސް އަށް ވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދަދީފައެވެ.
އޮސްކާ ގަނގްލަދޭޝްގެ ގައުމީޓީމާއި ހަވާލުވީ މިއަހަރުގެ ސެޕްޓެމްބަރ 15 ވަނަ ދުވަހުގައެވެ. ބަނގްލަދޭޝް ގައުމީޓީމުގެ އިތުރުން އޮސްކާ އަންނަނީ ބަނގުލަދޭޝްގެ ލީގު ކުލަބެއް ކަމުގައިވާ ބަޝުންދަރާ ކިންގްސްއަށް ވެސް އިރުޝާދު ދެމުންނެވެ.
މުހިންމު ކުޅުންތެރިން
ބަނގްލަދޭޝް އަކީ ނިސްބަތުން މާ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެއް ނޫނެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތޭގައި ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރ ޖަމާލް ހެރިސް ބުޔަން ފާހަކޮށްލެވެއެވެ. އުމުރުން 31 އަހަރުގެ ބުޔަން އަކީ ޑެންމާކަށް އުފަން ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 15 އަޖަރުގައި ޑެންމާކުގެ ސުޕަލީގުގެ ޓީމެއް ކަމުގައިވާ ބްރޮންޑްބީ އައިއެފްއިންނެވެ. ޑެންމާކުގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ ބުޔަން ބަނގްލަދޭޝްއަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ. އެގޮތުން ބަނގްލަދޭޝްގެ ޝައިޚް ޖަމާލް ދަމްބޮންޑިއާއި ޝައިޚް ރުސެލް ކޭއެފްސީ އަށް ވަނީ ކުޅެފައެވެ. ބުޔަން މިހާރު ކުޅެމުން އަންނަނީ ބަނގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ސައިފް ސްޕޯޓިން ކުލަބަށެވެ. ސައިފް ސްޕޯޓިންގް ކުލަބަކީ ބަނގްލަދޭޝް ލީގުގެ ހަތަރުވަނާގައި އޮތް ކުލަބެވެ.
ބުޔަން ބަނގްލަދޭޝްގެ ގައުމީޓީމުގައި ހިމެނިގެން އެންމެ ފުރަތަމަ ކުޅެން ފެށީ 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައެވެ. މިއީ އެހެން ގައުމެއްގައި އުފަން ކުޅުންތެރިއަކު ބަނގްލަދޭޝްގެ ގައުމީޓީމުން ފުރުސަތު ލިބިގެން ކުޅެން ފެށި ފުރަތަމަ ފަހަރެވެ. ބުޔަން ވަނީ ބަނގްލަދޭޝްގެ23 އަހަރުން ދަށުގެ ގައުމީޓީމަށް ވެސް12 މެޗު ކުޅެދީ އެއް ގޯލު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބަންގަލަދޭޝްގެ ސީނިއާ ގައުމީޓީމަށް 53 މެޗު ކުޅެދީފައެވެ
މިފަހަރުގެ ސާފް ޗެމްޕިަންޝިޕް ފުޓްބޯޅަ މުބާރާތަކީ ބުޔަންގެ ހަތަރު ވަނަ ސާފް ޗެމްޕިއަންސިޝްޕް ފުޓްބޯޅަ މުބާރާތެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބަނގްލަދޭޝް ކުޅޭ މެޗުތައް
01 އޮކްޓޫބަރ: ސްރީލަންކާ - ބަންގްލަދޭޝް (16:00)
04 އޮކްޓޫބަރ: ބަނގްލަދޭޝް - އިންޑިއާ (16:00)
07 އޮކްޓޫބަރ: ބަންގްލަދޭޝް - ދިވެހިރާއްޖެ (21:00)
13 އޮކްޓޫބަރ: ބަންގްލަދޭޝް - ނޭޕާލް (16:00)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް