ޕޮލިސް ޑިވިޜަންތަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް މަގާމުގެ ލިޔުން ދެއްވައިފި އެވެ.
ޕޮލިސް ކޮމާންޑަރުން އައްޔަންކުރައްވާފައިވަނީ ލާމަރުކަޒީކޮށް ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގެނެވޭ ބަދަލުތަކުގެ ތެރެއިން ނެވެ.
ޑިވިޜަންތަކަށް ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށް މަގާމު ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެލެއްވި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތް އިދާރީގޮތުން އިންތިޒާމުކުރެވިގެންވާ ގޮތް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޝްވަރާގެ މަތިން މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައަޅުއްވާއިރު، ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމްވެގެންވާ ހަ ސަރަހައްދެއް ވަނީ ކަނޑައަޅުއްވާފަ އެވެ.
އެސަރަހައްދުތަކަކީ ކެޕިޓަލް ޕޮލިސް (މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ސަރަހައްދު)، އަޕަރ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ސަރަހައްދު)، ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ސަރަހައްދު)، ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަހައްދު)، ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ސަރަހައްދު) އަދި ސައުތު ޕޮލިސް (ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭ ސަރަހައްދު) އެވެ.
ދިވެހި ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމުވެގެންވާ ހަ ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ކުރިން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ބަހާލެވިފައިވަނީ މާލެ ސަރައްދުގެ އިތުރުން ހަތް ޑިވިޜަނެއްގެ މައްޗަށެވެ.
ރީޖަނަލް ކޮމާންޑަރުން އައްޔަންކޮށްފައިވާ ޑިވިޜަންތައް:
- އަޕަރ ނޯތު ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް
- ނޯތު ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ
- ނޯތު ސެންޓްރަލް ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަޠީޙް
- ސައުތު ސެންޓްރަލް ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު
- ސައުތު ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް