ފިރިމީހާގެ ޑްރަގް ފައިސާ ބޭނުން ކުރުމުން އަނބިމީހާއަށް ދައުވާ

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފިރިމީހާ ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާ އަނބިމީހާގެ އެކައުންޓަށް ޖަމާކޮށް ބޭނުން ކުރި ކަމަށް ބުނާ މައްސަލާގައި އަނބިމީހާގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި މި...

28 Sep 2021 | 08:25

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ފިރިމީހާ ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާ އަނބިމީހާގެ އެކައުންޓަށް ޖަމާކޮށް ބޭނުން ކުރި ކަމަށް ބުނާ މައްސަލާގައި އަނބިމީހާގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި މިއަދު ޝަރީއަތް ފަށައިފި އެވެ.

މި މައްސަލާގައި ދައުވާކުރީ ގދ. ތިނަދޫ ލަކީލާސްޓް, ރާމިޒާ އަލީގެ މައްޗަށެވެ. އަދި އޭނާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު ވަނީ އިތުރު ބަޔަކާ އެކު ހައްޔަރުކޮށް މަނީ ލޯންޑަރިންނާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފަ އެވެ.

މިއީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މިފަދަ ކުށެއްގެ ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ރާމިޒާގެ މައްޗަށް އުފުލި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ ހަސަން ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށާއި ބީއެމްއެލް އެކައުންޓަށާއި ދެމަފިރިންގެ ފިރިހެން ދަރިފުޅު އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

މި ގޮތުން އެކި ދުވަސް މަތިން ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް 95،510 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ފާހަގަކުރި އެވެ.

ބީއެމްއެލް އެކައުންޓަށް އެކި ދުވަސް މަތިން 194،170 ރުފިޔާ އަދި ދަރިފުޅުގެ އެކައުންޓަށް 103،370 ރުފިޔާ ޖަމާކޮށްފައިވާ ދައުވާގައިވެއެވެ.

ރާމިޒާއާއި އޭނާގެ ފިރިމީހާ ލޫތުގެ ކޮޓަރި ބަލައި ފާސްކުރިއިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000 ރުފިޔާ އަދި ރަތް ކުލައި ރަބަރު ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ، އަދި ނޫކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000 ރުފިޔާ ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް