ގާނޫނުގައި ހުދާއި ކަޅުން ލިޔެވިފައި އޮތް ނަމަވެސް ދައުލަތުގެ ބައެއް މުއައްސަސާތަކުން ގާނޫނު މާނަކުރުމުގައި ހާމަކަމާއި ޖަވާބުދާރީވުމަށް ހުރަސް އެޅޭ ވިސްނުން ގެންގުޅުއްވާކަމީ ހިތާމަހުރިކަމެއްކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގަ އެވެ.
މި ޚިތާބުގައި އޭނާ ވިދާޅުވީ މައުލޫމާތުގެ ހައްގު ޔަގީންވުމަކީ ދައުލަތް ޖަވާބުދާރީކޮށް، ދައުލަތުގެ ހިންގުމުގައި ބައިވެރިވެ، އެންމެންގެ ވިސްނުމާ ބައިވެރިވުމާއެކު ދައުލަތް ހިންގުމަށް ފުރުސަތު ލިބޭކަމެއް ކަމަށެވެ.
"އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭ ހުރިހާ މައްސަލަތަކެއް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމައި، ދިވެހި ރައްޔިތުންނަށް މި ގާނޫނުން ލިބިދޭ ހައްގު ކަށަވަރުކޮށްދިނުމަކީ އަމާޒެއް. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިގަތުމަށް ޓަކައި، ވީހާ ފަސޭހަ އަދި ޒަމާނީ، އަވަސް މަގުތައް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަކީ ވެސް ހަމަ އެހާ މުހިންމު އަމާޒެއް،" އާހިދު ވިދާޅުވި އެވެ.
އާހިދު ވިދާޅުވީ މައުލޫމާތު ބޭނުންވާ ފަރާތްތަކުން މައުލޫމާތަށް އެދުމަށާއި މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަކަމާއެކު އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނޭ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެފަދަ ފަސޒޭހަތަކާއެކު ފަރުމާކުރެވިފައިވާ ޕޯޓަލްއެއްގެ މަސައްކަތް މިހާރު ނިމުމުގެ މަގުމަތީގައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އާހިދު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ދައުލަތުގެ ޒިންމާއެއް އަދާނުކުރާ އެއްވެސް މުއައްސަސާއެއް ހުރެދާނެކަމީ، ގަބޫލުކުރަން ފަސޭހަކަމެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް