ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް އަސްކަރީ ތަމްރީން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ވިޔަފާރިވެރިޔާ ޖާބިރު މިހެން ވިދާޅުވީ އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު ޖާބިރު ވިދާޅުވީ، ދިވެހި ސިފައިންނަކީ ކޮންމެ ހާލަތެއްގައިވެސް ދިވެހިން ސަލާމަތް ކުރުމަށް ތިބޭ ބަޔަކަށްވާތީ، އަސްކަރިއްޔާގައި އުޅޭ ބޭކަލުން އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސުކޫތު ގެންނަ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަމަށެވެ.
”ދިވެހިރާއްޖެއަށް އަންނަ އުދުވާންތަކުން އަސްކަރިއްޔާއިން އަޅުގަނޑުމެން ސަލާމަތްކޮށްދޭތީވެ އަސްކަރިއްޔާއަށް އިތުރު ހިތްވަރާއި އިތުރު ހަކަތައާއި އިތުރު ތަމްރީނާއި އިތުރަށް ދިވެހިރާއްޖޭގެ ހުރިހާ ސްކޫލުތަކުން ކިޔަވާ ކުދިން އަސްކަރީ ތަމްރީންވުމަށް ގާނޫނެއް ފާސްކުރުމަށް އަޅުގަނޑު މަޖިލީހަށް ހުށަހަޅާނަން“ ޖާބިރު ވިދާޅުވި އެވެ.
ސުލްތާން ނިޔާވީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ.
އޭނާގެ ހަށިގަނޑު އިއްޔެ ރާއްޖެ ގެނެސް، އަސްކަރީ އިއްޒަތުގައި ވަނީ އާސަހަރާގައި ވަޅުލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް