ފޭސްބުކްގައި މޯލްޑިވިއަންގެ ފްލައިޓެއްގެ ފޮޓޯއެއް ޑޫޑުލް ކޮށްގެން ދިއްލީ ދަތުރެއް

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގެ ފޮޓޯ ޑޫޑުލް ކޮށްގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ހަރަކާތް ކުރިޔަށް ގެންދަނީ ހަމައެކަނި މޯލްޑިވިއަންގެ ...

28 Sep 2021 | 06:42

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގެ ފޮޓޯ ޑޫޑުލް ކޮށްގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ހަރަކާތް ކުރިޔަށް ގެންދަނީ ހަމައެކަނި މޯލްޑިވިއަންގެ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ.

މޯލްޑިވިއަން ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ފޭސްބުކްގައި ކުރިޔަށް ގެންދާ މި މުބާރާތަކީ އެ އެއާލައިނުން ދިއްލީއަށް ފެށުމަށް ހަމަޖެހިފައިވާ ސީދާ ދަތުރުތައް ޕްރޮމޯޓު ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ. އޭނާ ވިދާޅުވީ މި މުބާރާތުން ގިނަ ބައެއްގެ ކުރެހުމުގެ ހުނަރުވެރިކަން ފެނިގެންދާނެ ކަމަށެވެ.

އެ މުބާރާތުން އެއް ވަނައަށްދާ މީހަކަށް ދިއްލީ ދެކޮޅު ދަތުރުގެ ދެ ޓިކެޓާއި ތިން ދުވަހުގެ ހުރުން ހަމަޖެހޭނެ އެވެ. މި މުބާރާތުގެ އެއް ވަނަ ހޮވާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

މުބާރާތުގައި ބައިވެރިވުމަށް މޯލްޑިވިއަންގެ ފޭސްބުކް ޕޭޖުގައި ވާ ޕޯސްޓުގައި އިން ފްލައިޓުގެ އެއްބައި ކުރަހާފައިވާ ފޮޓޯ އެއްކޮށް ޑޫޑުލްކޮށް ފުރިހަމަ ކުރަން ޖެހެ އެވެ. އަދި ޑޫޑުލް ކުރާ ފޮޓޯ އެ ޕޯސްޓުގައި ކޮމެންޓެއް ގޮތަށް ޕޯސްޓު ކުރަން ޖެހެ އެވެ.

އެއްވަނައަށް ދާނީ އެންމެ ގިނަ ކޮމެންޓާއި ރިއެކްޓު ހޯދާ ކުރެހުމެއް ޕޯސްޓު ކުރާ ފަރާތެކެވެ.

މޯލްޑިވިއަންގެ ދިއްލީ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ދުވަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރު 21 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް