މިހާރު ތިބި މީހުންނާއެކު އިންސާފުވެރި ޖުޑިޝަރީއެއް ލިބޭނެނަމަ، ހުދުމުހުތާރު ވެރިންނާއެކު ޑިމޮކްރަސީވެސް އޮންނާނީ ލިބިފައިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، ކޯޓުތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު "ސްޓޭންޑް" ބަދަލުކުރަނީ ޑީލު ހަދައިގެންކަން ފަނޑިޔާރުންނަށް ވިދާޅުވެވޭނެ މިންވަރަށް ވިދާޅުވެއްޖެ ކަމަށެވެ. އަދި ޕީޖީ ޝަމީމާއި، އޭޖީ ރިއްފަތާއި، ޖޭއެސްސީގެ ރައީސް ހިސާނު އެކުވެ މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ލިބޭނެނަމަ، ދުނިޔެ ދުށް އެންމެ ނުބައި ޑިކްޓޭޓަރުންކަމަށްވާ މުޤާބޭއާއި، އީޑީ އަމީނާއި، ނަޕޯލިއަނާއެކު ޑިމޮކްރަސީވެސް އޮންނާނީ ލިބިފައިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ހުރިހާ ޖަރީމާއެއް ހިންގި އެސްއޯއެފް ކުންފުންޏާއި ދެކޮޅަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށް ދައުލަތުގެ ވަކީލުން ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވާ ދަނޑިވަޅެއްގައެވެ. ދައުލަތުގެ ވަކީލުން ކޯޓުގައި ދައްކާ ވާހަކަތައް ނުވަތަ ދައުލަތުގެ ސްޓޭންޑް ފަހުން ބަދަލުކުރާކަމަށް ފަނޑިޔާރުން އިއްޔެ ވަނީ ފާހަގަކުރަށްވާފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ބޭންކުތަކުގެ ތެރެއިން ދައުރުކޮށް ދޮވެ އެކިމީހުންގެ އެކައުންޓްތަކަށް ޖަމާކޮށް އެކި މީސްމީހުންނަށް ބަހާފައި ވަނީ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
މިހެންވެ އެސްއޯއެފްގައި އިސްކޮށް އުޅުނު މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ގާތް މީހުން ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެން ވެސް ނެރުނެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެނޯޓިސް ބާތިލްކޮށްފައެވެ.
އިއްޔެ ސްޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ލޭއާސް (އެސްއޯއެފް)އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ފައިސާ ހޯދުމަށް އެ ކުންފުނީގެ އިސް މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
"އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ދައުލަތަށް ގަބޫލުކުރެވެނީ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ވުރެން އާންމު މަސްލަހަތު އޮތީ އެފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެ ފަރާތްތަކުން ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ އެގޮތުގެ މަތިން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައި ވަނީ،" ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް