ސޮނީ ޓީވީން މިހާރު ދައްކާ "ކޯން ބަނޭގާ ކަރޯޑް ޕަތީ" ގައި އަމީތާބު ބައްޗަންއަށް ޖަވާބުދޭން ނޭނގި ހުއްޓުން އަރާވަރުގެ ސުވާލެއް ބައިވެރިއަކު ކޮށްފި އެވެ.
ކޭބީސީގެ އެ އެޕިސޯޑުގައި ބައިވެރިވީ އިންޑިއާގެ ޖީއެސްޓީ ޑިޕާޓެންޓުގެ ދައުލަތުގެ ޓެކްސް އިންސްޕެކްޓަރެކެވެ. ހޮސްޓު އަމީތާބާއި ދެމީހުންގެ ދެމެދުގައި ދެކެވެމުން ދިޔައީ ޓެކްސް ދެއްކުމާއި ޓެކްސް ނުދައްކާ މީހުންނާއި މެދު އެ އަންހެން މީހާ މަގާމުގެ ގޮތުން އަމަލު ކުރާ ގޮތުގެ ވާހަކަ އެވެ.
އެ ވާހަކައިގެ ތެރެއިން އަމީތާބު އެ އަންހެން މީހާ ކައިރީގައި އަހާފައިވަނީ ޓެކްސް ނުދައްކާ ގޯސް މީހުން އޭނާ ޓެކްސް ދައްކުވައިގެން ރަނގަޅު މީހުންނަށް ހަދަނީތޯ އެވެ. އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި އަންހެން މީހާ އަމީތާބާއި ކުރީ ސުވާލެކެވެ.
ސުވާލުގަ އެހީ އަމީތާބު ބަރާބަރަށް ޓެކްސް ދައްކަންތޯއެވެ. މި ސުވާލާއި އެކު މުޅި ތަން ހުއްޓުމަކަށް އައުމުގެ އިތުރުން އަމީތާބުވެސް ހުއްޓިފައި އިރުކޮޅެއްގައި އިނެވެ. އަދި އަމީތާބު ވަށައިގެން އޯޑިއަންސްގައި ތިބި މީހުންނަށް ފާޑަކަށް ބަލައިލި އެވެ.
އޭގެ ފަހުގައި އަންހެން މީހާއަށް ބަލާލުމަށް ފަހު އަމީތާބު ބުނީ ޓެކްސް ނުދައްކާ ނަމަ އޭނާއަށް މަސައްކަތް ކުރުމުގެ ފުރުސަތު ޓެކްސް ޑިޕާޓްމެންޓުން ނުދޭނެ ކަަމަށެވެ. އަދި އެ އަންހެން މީހާ ފަދަ މުވައްޒަފުން އޭނާ ހިފާ ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށް އަމީތާބު ބުންޏެވެ.
އެ އެޕިސޯޑުގައި އަންހެން މީހާއަށް ގެއަށް ގެންދަން ލިބުނީ 10،000 އިންޑިއަން ރުޕީސް އެވެ. 40،000 ރުޕީސް ލިބެން އޮތް ސުވާލުގެ ޖަވާބު ނުބައިވެގެން އަންހެން މީހާ ޖެހުނީ ޝޯ އާއި ވަކިވާށެވެ.
ކޯން ބަނޭގާ ކަރޯޑް ޕަތީ އަކީ އެއް ކްރޯޑް ރުޕީސް އާއި ހަމައަށް ފައިސާގެ އިނާމު ލިބޭގޮތަށް ކުރިޔަށް ގެންދާ މަޝްހޫރު ބޮޑު ޝޯ އެކެވެ.
މިއީ އަމީތާބު އެ ޝޯ ހޮސްޓު ކުރާ 12 ވަނަ ސީޒަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް