ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެޗްޑީސީން އިންތިޒާމުކޮށް ހުޅުވާލެވުނު ފުރުޞަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް މިއަދު ވަނީ އެކަން ފާހަގަކޮށް ސެޓިފިކޭޓް ހަވާލުކޮށްފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ތަރައްޤީ ކުރުމަށްޓަކައި ޚާއްޞަ ފުރުޞަތުތަކެއް އެ ކޯޕަރޭޝަނުން ގެންދަނީ ފަހިކޮށްދެމުން އަންނަ އިރު، އެގޮތުން މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުމާލޭގައި އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެ ކޯޕަރޭޝަނުގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފު އެވެ.
'އިޖާދީ މަންސަ' އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އަމިއްލަ އުފެއްދުންތަކާއި އައު ޚިދުމަތްތަކުގެ އީޖާދީ ޚިޔާލުތައް ހުށަހެޅުމުގެ އިތުރުން މި މުބާރާތުގެ ސަބަބުން މުޖްތަމަޢުގެ ގިނަ އަފްރާދުންގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ލިބިގެންދާނެ އެވެ.
ހަމައެއާއެކު، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ "ކޯވިޑް-19" ގެ ޢާލަމީވަބާގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ކުޑަކޮށް، ޢާއްމު އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ މިފަދަ މުބާރާތެއް ހިންގުމުގެ މައިގަނޑު އެއް މަޤްޞަދުކަމުގައި އެ ކޯޕަރޭޝަނުން ދެކެއެވެ.
ގޭގައިކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށް އަދި އޮންލައިން ވިޔަފާރިތަކަށާއި، އަދި މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށްވެސް "އީޖާދީ މަންސަ" ގެ ނަމުގައި ހިންގުނު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުމުން ޖުމްލަ 36 ފަރާތަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. އަދި 5 ކެޓަގަރީކަމަށްވާ (ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި އަދި ޚިދުމަތް) ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނަ އަދި 2 ވަނަ ފަރާތެއް ހޮވަން ހަމަޖެހިފައިވާއިރު، މާކްސް ލިބުނު އަދަދުތަކަށް ބަލާ ޖުމްލަ 9 ފަރާތެއް ވަނީ ހޮވިފަ އެވެ.
މި ފަރާތްތަކަށް މި ކޯޕަރޭޝަނުން ކަނޑައަޅައި ވަކި މުއްދަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ ފުލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް ޙަވާލުކުރެވިގެންދާނެ އެވެ.
މީގެތެރޭގައި، މުބާރާތުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކުން 1 ވަނައަށް ހޮވޭ ފަރާތްތަކާ ޙަވާލުކުރެވޭ ޔުނިޓްތަކަކީ، އެއްވެސް ކުއްޔަކާ ނުލައި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޙަވާލު ކުރެވޭ ޔުނިޓުތަކެކެވެ. އަދި 2 ވަނައަށް ހޮވޭ ފަރާތްތަކަށް އެއްވެސް ކުއްޔަކާ ނުލައި 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޔުނިޓު ޙަވާލު ކުރެވޭނެ އެވެ.
މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި ލިބިގެންދާނޭ ރަނުގެ ފުރުޞަތެއް ކަމުގައި އެ ކުންފުނިން ފާހަގަ ކުރެއެވެ.
https://twitter.com/hdcmaldives/status/1442490498120224778
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް