އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އަވަށެއްގައި ދިރިއުޅޭ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްގެ ޝިކާރައަކަށް ވެ ބަލިވެ އިނދެ ވިހޭ ދަރިފުޅު މަރާލައިފި އެވެ.
މަދްޔަ ޕްރަދޭޝްގެ ވެެރިރަށް ގޯޕާލް ފުލުހުން އެ ކުއްޖާ ހައްޔަރި ކުރީ ވިހޭ ދަރިފުޅު މަރާލުމަށް ފަހު ވަޅަކަށް އެއްލާލާފައިވާ މައްސަލައެއްގަ އެވެ. ފުލުހުންނަށް އެ މައްސަލަގެ ރިޕޯޓު ކޮށްފައިވަނީ މަރުވެފައިވާ ކުއްޖަކު ވަޅެއްގެ ތެރެއިން ފެނިގެންނެވެ.
ފުލުހުން އިތުރަށް ބެލިބެލުމުން އެއީ 14 އަހަރުގެ ކުއްޖާ ވިހެއުމަށް ފަހު އެއް ދުވަސް ފަހުން މަރާލުމަށް ފަހު އެއްލާލި ކުއްޖެއްކަން އެނގުނު ކަމަށެވެ. އެ މައްސަލައިގަ ކުއްޖާ ހައްޔަރުކޮށް ފުލުހުން ސުވާލުކުރަން ފެށުމުން އެ ކުއްޖާވަނީ ރޮމުން ކަން ހިނގިގޮތް ކިޔައިދީފަ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާ ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާގެ މަންމަ މީގެ ތިން އަހަރު ކުރިން ވަނީ މަރުވެފަ އެވެ. އަދި ބައްޕަ މަސައްކަތް ކުރަން އެހެން އަވަށަކަށް ދާ ކަމަށް ބުންޏެވެ.
އޭނާ ފުރަތަމަ ރޭޕް ކުރީ ބައްޕަ ނޫޅޭ ގަޑީގައި ހާލުބަލަން އަންނަ ދެބެންގެ ދެދަރި ބޭބެ ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ބޭބެގެ އިތުރު ހަތަރު އެކުވެރިން އެ ކުއްޖާ ރޭޕް ކުރަން އެކި ދުވަސް މަތިން އެގެއަށް ގެންދިޔަ ކަމަށް ބުންޏެވެ.
ކުއްޖާ ބުނިގޮތުގައި ރޭޕް ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުން މިއަހަރުގެ މެއި މަހާއި ދެމެދުގަ އެވެ. އަދި އޭނާ ބަނޑުބޮޑުހެން ހީވާކަމަށް ބުނުމުން ބޭބެ އޭނާ ޑޮކްޓަރަށް ދައްކައި އެކަން ޔަގީން ކުރުމަށް ފަހު ދަރި ވައްޓާލަން ގަދަކަމުން ބޭސްވެސް ދިން ކަމަށް ކުއްޖާ ބުންޏެވެ.
އެކަމަކު ބޭސް ބޭނުން ކުރިނަމަވެސް ކުއްޖާ ވެއްޓިފައި ނުވާ ކަަމަށާއި ވިހެއުމުން އެއް ދުވަސް ފަހުން ކުއްޖާ މަރާލައި ވަޅަށް އެއްލާލީ ދެބެންގެ ދެދަރި ކަމަށް ކުއްޖާ ފުލުހުންނަށް ކިޔައިދީފަ ވެ އެވެ.
ގޯޕާލް ފުލުހުން ބުނީ އެ މައްސަލައިގަ ހިމެނޭ ފަސް މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 14 އަހަރުގެ އަންހެން ކުއްޖާ ވަނީ ޖުވެނައިލް ހޯމްއަށް ބަދަލުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ކުއްޖާ ވިހޭ ކަމަށް ބުނަނީ ގޭގައި ކަމަށެވެ. އެހެންވެ މިހާރު ބަލަމުންދަނީ އޭނާ ސިއްހީ އެހީތެރިއެއްގެ އެއްވެސް އެހީތެރިކަމެއް ހޯދާފައިވޭތޯ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް