ޝާހީ އާއިލާއާ ލަގަބު ދޫކޮށް ޖަޕާން ޕްރިންސަސް ކޮލެޖު ލޯބިވެރިޔާއާ ކުރާ ކައިވެންޏަށް ތައްޔާރުވެއްޖެ

ޖަޕާނުގެ ޕްރިންސަސް މަކޯ، ޝާހީ އާއިލާ އާއި ޝާހީ ލަގަބު ދޫކޮށްލުމަށް ފަހު ކޮލެޖު ލޯބިވެރިޔާ ކޭ ކެމޫރޯ އާއި ކުރާ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ. އުމުރުން 29 އަހަރުގެ ޕްރިންސަސް...

28 Sep 2021 | 03:39

ޖަޕާނުގެ ޕްރިންސަސް މަކޯ، ޝާހީ އާއިލާ އާއި ޝާހީ ލަގަބު ދޫކޮށްލުމަށް ފަހު ކޮލެޖު ލޯބިވެރިޔާ ކޭ ކެމޫރޯ އާއި ކުރާ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އުމުރުން 29 އަހަރުގެ ޕްރިންސަސް މަކޯ އާއި ކެމޫރޯ އަކީ ކޮލެޖު ދުވަސް ވަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންނެވެ. ލޯބިވެރިޔާ އާއި ކައިވެނި ކުރަން ޝާހީ ޒިންމާތަކާއި ލަގަބު ދޫކޮށްލަން ޖެހެނީ ކެމޫރޯ އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ އާންމުންގެ މީހަކަށް ވާތީ އެވެ.

ދެމީހުން 2017 ވަނަ އަހަރު އެންގޭޖް ވެފައިވާއިރު ކުރިން ކައިވެނި ކުރަން ހަމަޖައްސާފައި އޮތީ މިދިޔަ އަހަރު އެވެ. އެކަމަކު ކުއްލިގޮތަށް އެ ކައިވެނި ފަސްކުރީ ތާރީހެއް ނެތް ގޮތަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ކައިވެނި ކުރިޔަށް އޮތް ތިން މަސް ތެރޭގައި އޮންނާނެ އެވެ. އަދި ކައިވެނީގެ ތާރީހު އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާނު ކުރާނެ އެވެ.

އެމެރިކާގައި ގާނޫނީ ދާއިރާއިން މަތީތައުލީމު ހާސިލް ކުރަމުންދިޔަ ކެމޫރޯ ވަނީ ކިޔަވާ ނިންމުމަށް ފަހު އިއްޔެ ކައިވެންޏަށް އެނބުރި ޖަޕާނަށް ގޮސްފަ އެވެ. އަދި އޭނާ މިވަގުތު ހުރީ މަންމަ ކައިރީ އާއިލީ ގޭގައި 14 ދުވަހުގެ ކަރަންޓީންގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ކައިވެންޏަށް ޝާހީ އާއިލާއިން ދެކޮޅެއް ނުހަދަ އެވެ. އަދި ކައިވެނީގެ ރަސްމިއްޔާތުތައް ކުލަގަދަކޮށް ބޭއްވުމަށް ޖަޕާންގެ ޝާހީ އާއިލާއިން ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ޕްރިންސަސް މަކޯ ޝާހީ އާއިލާ ދޫކޮށްލަން މަޖުބޫރުވަނީ ޝާހީ އާއިލާއަށް ނިސްބަތްވާ މީހަކު އާންމުންގެ މީހަކާއި ކައިވެނި ކުރެވޭނެ ކަމަށް އެ ގައުމުގެ ގާނޫނު ތަކާއި ޝާހީ އާއިލާގެ ގަވައިދުތަކުގައި ނޯންނާތީ އެވެ. އާންމު މީހަކާއި ކައިވެނި ކުރާތީ ޝާހީ އާއިލާގެ ކައިވެނިތަކަށް ސަރުކާރުން ދޭ އެއް މިލިއަން ޑޮލަރުވެސް އޭނާއަށް ނުލިބޭނެ ކަން ވަނީ އަންގާފަ އެވެ.

އެ ފައިސާ އާއި ގުޅޭގޮތުން ޕްރިންސަސް މަކޯ ވިދާޅުވެފައިވަނީ އެ ފައިސާ އަކީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ދޭ އެއްޗަކަށް ވާތީ އެފަދަ އެއްވެސް ފައިސާއެއް ބޭނުން ނޫން ކަމަށެވެ. ކައިވެންޏަށް ފަހު ދެމީހުންގެ ދިރިއުޅުން އެމެރިކާއަށް ބަދަލު ކުރަން ނިންމާފައިވާކަން މީގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ އަހަރު ކުރަން އޮތް ކައިވެނި ފަސް ކުރަން ޖެހުނީ ކެމޫރޯގެ މަންމަގެ ލޯބިވެރިޔާ ކުއްލިއަކަށް މީޑިއާއަށް ތިލަ ކުރި މައްސަަލަ އަކާއި ގުޅިގެންނެވެ. ކައިވެންޏަށް ކުޑަތަންވެފައި ވަނިކޮށް އޭނާގެ މަންމަގެ ލޯބިވެރިޔާ ވަނީ އެ ދެމައިންނަށް އޭނާ ކުރި ހަރަދު އަނބުރާ ދޭން ޖެހޭނެ ކަމަށާއި ކެމޫރޯ މަތީ ތައުލީމް ހާސިލް ކުރަމުން ދިޔައީވެސް އޭނާގެ ފައިސާގައި ކަމަށް ބުނެފަ އެވެ.

އެހެންވެ އެ ދުވަސްވަރު ކެމޫރޯ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މަންމަގެ ލޯބިވެރިޔާ ހަރަދު ކުރި ކަމަށްބުނާ ހުރިހާ ފައިސާއެއް ދޭން އޭނާ ތައްޔާރަށް ހުރިކަން އިއުލާނުކޮށްފަ އެވެ. އެ މައްސަލަ ގަނޑުގެ މަތިޖަހަން ޖަޕާން ޝާހީ އާއިލާއިން ބުނެފައިވަނީ މިދިޔަ އަހަރު ކުރަން އޮތް ޕްރިންސަސް މަކޯ އާއި ކެމޫރޯގެ ކައިވެނި ފަސް ކުރީ ޝާހީ ކައިވެނިތަކަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ނުވެވިގެން ކަމަށެވެ.

ޕްރިންސަސް މަކޯ އަކީ ޖަޕާނުގެ ކްރައުން ޕްރިންސް އަކިޝީނޯ އާއި ޕްރިންސަސް ކިކޯގެ ދޮށީ ދަރިފުޅެވެ. އެ އާއިލާ އިތުރު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް