އެމްއެމް ޕީއާރްސީގެ ފައިސާ ބަހަން ބޭނުންކުރި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާން ދައުލަތުން ނިންމުމުން ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ބާޠިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަލީމް މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
ސަލީމް ވިދާޅުވީ ދައުލަތުގެ ވަކީލުންނަށް މަނީ ލޯންޑަރ ކުރި މީހުންނަށް ދައުލަތުން ދައުވާކުރަން ވެސް ބޭނުންނުވާ ކަމަށާއި އެހިސާބުން ހުރިހާ މައްސަލައެއް ބާޠިލްވީ ކަމަށެވެ.
"އެސްއޯއެފްގެ މައްސަލަ ނުބަލައެއް އެހެން މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެ. ކިހިނެއްތޯ ގެންދާނީ؟ މައްސަލައިގެ އަސްލު ގެއްލުނީމަ ދެން ކޯޗެއްތޯ ކުރިއަށް ގެންދާނީ؟ މަކަރާ ހީލަތް އޭގެ ތެރެއަށް ވަދެއްޖިއްޔާ އިސްލާމީ ޝަރީއަތުގައި އެ ހުރިހާ ކަމެއް ބާޠިލްވީ" އަދި އޭދަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ މިހާރު އެއޮތީ ސުޕްރީމް ކޯޓުގައި ނިމިފައި ކަމަށާއި ދެން އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކޭސްގައި އެއްވެސް މީހަކާ ގުޅޭގޮތުން މަނީ ލޯންޑަރިންގ މައްސަލަ ކުރިއަކަށް ނުދެވޭނެ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މިހާރުވެސް އެސްއޯއެފްއިން ފައިސާ ޖަމާވި ތިންސަތޭކަ އެއްހާ މީހުންގެ ތެރެއިން ވިއްސަކަށް މީހުން މުއާމަލާތް ރަނގަޅު ކަމަށް ފަތްކޮޅު ދީފައި އެބަތިބި ކަމަށެވެ.
"އެސްއޯއެފަށް ޖަމާވި ވަގުލާރިން 20 މީހުން ސަލާމަތްވެއްޖެ. ރަނގަޅު މުއާމަލާތޯ؟ ދެން ކާކު ސަލާމަތްނުވަނީ އޭގެއިން؟ ބަލަ އެންމެންވެސް ތިބީ ސަލާމަތްވެފައި. މައްސަލަ އެއޮތީ ބާތިލްވެފައި. އެއްބަޔަކު ކުށްވެރިވެފައި އަނެއް ބަޔަކު ސަލާމަތްވަނީ.މީ އަޖައިބެއް ކަހަލަ ކަމެއްނު؟" ސަލީމް ސުވާލު ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް