މީޑިއާއާ ގުޅޭ ބިލު އަނބުރާ ގެންދަންޖެހޭކަމަށް ނުދެކެން: އެޓާނީ ޖެނެރަލް

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އަނބުރާ ގެންދަންޖެހޭކަމަށް ދެކެވަޑައި...

28 Aug 2025 | 12:27
އެޓާނީ ޖެނެރަލް އުޝާމް ޕްރެސް ކޮންފަރެންސްގައި -

އެޓާނީ ޖެނެރަލް އުޝާމް ޕްރެސް ކޮންފަރެންސްގައި -

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އަނބުރާ ގެންދަންޖެހޭކަމަށް ދެކެވަޑައިނުގަންނަވާކަމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ އެ ބިލާއިމެދު ސަރުކާރުން އެދޭގޮތް ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މީޑިއާ ރެގިއުލޭޓް ކުރުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ ބިލުގެ މާއްދާތައް ދިރާސާކުރަމުން އަންނަ ކަމަށާއި މިހާރު ހުރި ހުށަހެޅުންތަކަށް ބަލާއިރު އެ ބިލަކީ އިތުރަށް ދިރާސާކުރެވިގެން ބިލާއެކު ކުރިއަށްދެވިދާނެ ބިލެއް ކަމުގައި ދެކެލައްވާކަމަށެވެ.

ސަރުކާރުގެ އެ ސްޓޭންޑަށް ބާރުދެއްވަމުން އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން 2022 ވަނަ އަހަރުގެ އޯގަސްޓްގައި ޑްރާފްޓްކޮށްފައިވާ ބިލާއި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި މާ ބޮޑު ތަފާތެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށެވެ.

ނޫސްވެރިންގެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ނޫސްވެރިން އިއްޔެއިން ފެށިގެން އިހުތިޖާޖު ކުރަމުން އަންނައިރު ނޫސްވެރިންގެ ސުވާލަށް ޖަވާބު ނުލިބޭކަމަށްބުނެ އެޓާނީ ޖެނެރަލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ނޫސްވެރިން "ވޯކް އައުޓް" ކޮށްފައިވެއެވެ.

އެ ބިލު މިހާރު ވަނީ ކޮމިޓީއަށް ބަލައިގަނެ ބިލު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ނޫސްވެރިން އަދިވެސް ގޮވާލަމުންދަނީ އެ ބިލު އަނބުރާ ގެންގޮސް ނޫސްވެރިންނާއި ނޫސްވެރިކަމާއި ގުޅުންހުރި ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރެވި އަލުން ބިލެއް އެކުލަވާލުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް