ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް މެޑަމް ފަޒްނާ އަހުމަދު މާލޭގައި ދޮރުން ދޮރަށް ހިންގަވައިފިއެވެ.
މެޑަމް ފަޒްނާ މިއަދު ހަވީރު ދޮރުން ދޮރަށް ހިންގަވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގައެވެ.
އެމްޑީޕީއިން ބުނީ، ގެއަކަށް ފަހު ގެއަކަށް، ވަރުބަލިކަމެއް ނެތި ، ޖޯޝުގައި އެމްޑީޕީގެ ކެމްޕޭން ޓީމާއެކު މެޑަމް ފަންޒާ ނުކުމެވަޑައިގެން ހުންނެވީ، ވަރަށް ފުރިހަމަ ނަތީޖާ އަކުން ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް ކަމަށެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަށް ކެނޑިޑޭޓުން ވާދަ ކުރައްވާއިރު، ކެމްޕޭނުގައި މަސްއޫލުވެ އުޅުއްވާތަން ފެންނަނީ ހަތަރު ކެނޑިޑޭޓުންގެ އަނބިކަނބަލުންނެވެ.
އެގޮތުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް ހަސަން ޒަމީލްގެ ރަނިންމޭޓަކަށް އަނބިކަނބަލުން މަރިޔަމް އަލީމް ވާދަ ކުރައްވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ އެއް އަނބިކަނބަލުން ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާވެސް ރިޔާސީ ކެމްޕޭން ފައްޓަވާފައި ވާއިރު، އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ދަނީ ކެމްޕޭންތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް