ރައީސް އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ލ. އިސްދޫ އަދި ކަލައިދޫގެ އިތުރުން އެއަތޮޅު ދަނބިދޫގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. މި މަޝްރޫޢުތަކުގެ ނިމުން ރައ...

28 Aug 2023 | 14:41

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ލ. އިސްދޫ އަދި ކަލައިދޫގެ އިތުރުން އެއަތޮޅު ދަނބިދޫގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

މި މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވީ މިހާރު އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ދެރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނާގޮތުގައި ރައީސް ޞާލިޙް ވަނީ މިއަދު  ލ. އިސްދުއަށް ވަޑައިގެން އިސްދޫ ބަނދަރު ހުޅުއްވައިދެއްވައި އިސްދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ. އަދި އެމަނިކު ފާނު މިއަދު ވަނީ ކަލައިދޫގެ ފެނުގެ ނިޒާމާއި ދަނބިދޫގެ ފެނުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.

އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 160 މީޓަރުގެ ބޭރުތޮށި ލުމާއި، 48 މީޓަރުގެ އެއްގަމު ތޮށިޖެހުމާއި 98 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ކޮށްފައިވެއެވެ.

މީގެ އިތުރަށް، އެމަނިކުފާނު މިއަދު ނިމުން ފާހަގަކޮށްދެއްވި އިސްދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހަމައެފަދައިން ރައީސް ނިމުން ފާހަގަކޮށްދެއްވި ކަލައިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކަމަށާއި ދަނބިދޫ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް