ޑިމޮކްރެޓްސްއިން ކެމްޕޭނަށް ފައިސާ ހޯދާތީ އަލްހާން ވިދާޅުވީ އެއީ ނަޝީދުގެ ސްކޭމެއް ކަމަށް

ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމާއެކު، ބައެއް ފަރާތްތަކުން ފައިސާ ފޮނުވަން ފެށުމުން، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްކޭމެއް ކަމަށް އ...

28 Aug 2023 | 08:54

ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމާއެކު، ބައެއް ފަރާތްތަކުން ފައިސާ ފޮނުވަން ފެށުމުން، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްކޭމެއް ކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑިމޮކްރެޓުންގެ ކެނޑިޑޭޓް ގޮތުގައި ކުރިމަތި ލާފައިވާ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭނަށް ފައިސާގެ އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ.

އެގޮތުން އާއްމުކުރި އިއުލާނުގައި ވަނީ ޑިމޮކްރެޓްސްގެ ބޭންކް އެކައުންޓް ނަންބަރާއި އިލްޔާސް ލަބީބުގެ އެކައުންޓް ނަންބަރު ހިމަނާފައެވެ. އަދި ސްލިޕް ފޮނުވަންވީ ފޯނު ނަންބަރުވެސް ހިމަނާފައެވެ.

އެޔާއެކު އަހުމަދު މަރުޒޫގް ވަނީ ދެހާސް ރުފިޔާ ފިނުވައި، ސްލިޕް ޓުވިޓަރގައި ހިއްސާ ކޮށްފައެވެ.

އެކަކާ ގުޅިގެން އަލްހާން ވަނީ، އެއީ އިންތިހާބާ ދިމާކޮށް ނަޝީދު ހިންގަވާ ސްކޭމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

ގުޅީފަޅު ހިއްކާ ވެލި ހުރީ އަލިހުރަސްކަނޑުގައި ކަމަށާއި މާލޭ މީހުންނަށް ގޯތިދިނުމުގެ ކަންކަމަކީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ ކަމެއް ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެން، ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް އަލްހާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަލްހާން ވިދާޅުވީ ނަޝީދުގެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ބަދަލުގެ ގޮތުގައި އެދެނީ  3333 ބިޓްކޮއިން ކަމަށެވެ.

ދިވެހި ރުފިޔާއިން ބަލާނަމަ 3333 ބިޓްކޮއިން އަކީ ގާތްގަނޑަކަށް 133 މިލިއަން ރުފިޔާއެވެ.

“ދޮގު އިލްޒާމް އަޅުވާ އަބުރު ކަތިލާން، ޢާންމުން އެއްކޮށްގެން ޙަގީގަތާ ޚިލާފު ދޮގުވާހަކަ އަޅުގަނޑާ ބެހޭގޮތުން ރައްޔިތުންގެ މަޖްލިހުގެ ރައީސް މުހައްމަދި ނަޝީދު ދެއްކެވި މައްސަލައިގާ އޭނާގެ މައްޗަށް އަބުރުގެ ދަޢުވާ ކުރާނަން!” އަލްހާން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ނަޝީދު ވިދާޅުވީ، މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދި ގޮވާ އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެމީހުންގެ ހާލަތާއި އެމީހުންގެ ހަޔާތް ހުރިހާ ކެނޑިޑޭޓުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.

“އަޅުގަނޑު ދަންނަވާނީ މީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ ކަމެކޭ” ނަޝީދު ވިދާޅުވިއެވެ.

މިއީ ރާވައިގެން، ރައްޔިތުންނަށް އެންމެ ބޮޑަށް ހާލުގައި ޖެހިފައި އޮތް ވަގުތު އަދި އެންމެ ބޮޑަށް އެދިއެދި އޮތް ވަގުތު، ގޯތި ދޭނެ ކަމަށްބުނެ ހަދާ ދޮގެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދަ ޑިމޮކްރެޓްސް ރެޖިސްޓަރ ކޮށްދީފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުން ތަކެއް އެ ޕާޓީން ކެނޑުމަށްފަހު އުފެއްދި ޕާޓީއެކެވެ.

އެ ޕާޓީ އުފެދުމާއެކުވެސް ރިޔާސީ އިންތުހާބުގައި ވާދަ ކުރާނެކަންއ އިއުލާނު ކޮށްފައިވެއެވެ. ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް