އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫ މަގުބައްތިތައް ބެލެހެއްޓުން ސްޓެލްކޯ އާއި ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ސްޓެލްކޯގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ މަސައްކަތާ ރަސްމީކޮށް ހަވާލުވެ، އެ ތިން ރަށުގެ ކައުންސިލާއެކު އޮސި ކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑީރެކްޓަރު އަހުމަދު ޝަރީފެވެ.
މި މަސައްކަތަކީ ސްޓެލްކޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮށްދޭ މަސައްކަތެވެ. މި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ މައްސަލައެއް ނުޖެހި އެ ރަށްރަށުގެ މަގު ބައްތިތައް އަބަދުވެސް ދިއްލިފައި ހުންނާނެކަން ޔަގީން ކުރުމެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ތިން ރަށުގެ މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތުގެ ނަތީޖާ އާއި ތަޖުރިބާ އަށް ބަލައި ކުރިމަގުގައި އއ. އަތޮޅުގެ ހުރިހާ ރަށްތަކާއި ސްޓެލްކޯ އިން ހިދުމަތް ދެމުން އަންނަ އދ، ކ، އަދި ވ. އަތޮޅުގެ ހުރިހާ ރަށްތަކެއްގެ މަގުބައްތި ބެލެހެއްޓުމާ ވެސް ހަވާލުވާނެ އެވެ.
މި ތިން ރަށުގެ އިންޖީނުގެ ހިންގަނީ ސްޓެލްކޯއިންނެވެ. ޝަރީފު ވިދާޅުވީ އެ މަސައްކަތްތައް ކުރާނީ އެ ރަސްރަށުގެ ސްޓެލްކޯ އިންޖީނުގޭ މުވައްޒަފުން ކަމަށެވެ.
އެ މަސައްކަތާ ހަވާލުވި ކަމަށްޓަކައި އެ ރަށްތަކުގެ ކައުންސިލުން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް