މަރުވެފައިވާ މީހަކު ޕޮލިހަށް ހާޒިރުވާން އަންގައިފި

މީގެ އަހަރެއްހާ ދުވަސްކުރިން މަރުވެފައިވާ މީހަކު، މައްސަލައެއްގެ ތަހުގީގަށް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން މިއަދު ކުރި އެ އިއުލާނުގައި ބުނެފައިވަނީ އދ. ދަނގެތި، ފެހިވިލާގެ ޝަކްލުﷲ އަލީ ހ...

28 Aug 2022 | 07:31

މީގެ އަހަރެއްހާ ދުވަސްކުރިން މަރުވެފައިވާ މީހަކު، މައްސަލައެއްގެ ތަހުގީގަށް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ކުރި އެ އިއުލާނުގައި ބުނެފައިވަނީ އދ. ދަނގެތި، ފެހިވިލާގެ ޝަކްލުﷲ އަލީ ހޯދަން އިއުލާނުކުރީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ ކަމަށެވެ.

ފުލުހުންގެ ވެބްސައިޓުންނާއި ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެ ޕޯސްޓް މިހާރު ނަގާފައިވީނަމަވެސް މިކަމުގައި ގިނަބަޔަކު އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޝަކްލުﷲގެ މައްސަލަ މީގެ ދެ އަހަރު ކުރިން ޕޮލިހަށް ހުށަހެޅި މީހާވެސް މި މައްސަލައިގާ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

އެގޮތުން ޓްވިޓާގައި މުހައްމަދު ތޯރިގް ބުނެފައިވަނީ 27 ޖުލައި 2020 ގައި ހުށައެޅި މައްސަލައެއް ތަހްގީގުކުރަން ހޯދަން އިއުލާނުކުރީ މިއަދު ކަމަށާއި އެވެސް އެމީހާ މަރުވެ އަހަރަކަށްވުރެ ގިނަދުވަސްވި ފަހުން ކަމަށެވެ.

މިހާވަރަށް ފުލުހުންގެ ހިދުމަތް ފުޅާކުރީމާ ދެން ބުނާނެއެއްޗެއް ނެތްކަމުގައިވެސް ތޯރިގް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް